ރިޔާސީ އިންތިހާބުގެ ސެކިއުރީޓީ ބެލެހެއްޓުމަށް ފުލުހުން ރަށްރަށަށް ފުރައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ފުރައިފި އެވެ.
ފުލުސް އޮފީހުން ބުނީ އިންތިހާބުގެ ހުރިހާ ކަމެއް އަމާންކަމާ އެކު ކުރިއަށް ގެންދިޔުމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ފެށި "އޮޕަރޭޝަން ބްލޫ ވޭވްސް"ގެ ދަށުން ގިނަ އަދަދެއްގެ ފުލުހުން މިއަދު ރަށްރަށަށް ފުރާފައިވާ ކަމަށެވެ. އެކަމަކު އެ ފުލުހުންގެ އަދަދެއް ފުލުސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އެ ތަނުން ބުނި ގޮތުގައި ތ. އަތޮޅުން ފެށިގެން އައްޑުއާ ދެމެދު ހިމެނޭ އަތޮޅުތަކަށް މިއަދު ފަތިހު ފުލުހުން ވަނީ ފުރައިފަ އެވެ. އަދި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅަށް ދާ ފުލުހުން ގޮވައިގެން މިއަދު ހެނދުނު ފުލުހުންގެ ލޯންޗެއް ފުރާފައިވާ ކަަމަށް އެތަނުން ބުންޏެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ދ. އަތޮޅަށް ދިޔަ ލޯންޗުން އެ އަތޮޅަށް ބޭނުންވާ ފުލުހުން ބޭލުމަށް ފަހު، އެ އަތޮޅު ވާނީގައި ޕޮލިސް ރެކްރޫޓު ޓްރޭނިން ކޯސް ފުރިހަމަ ކުރަމުން އަންނަ ފުލުހުން ގޮވައިގެން އަންނާނީ މާލެ އެވެ. އަދި އެ ފުލުހުން ފޮނުވުމަށް ހަމަޖެހިފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
އެ ތަނުން ބުނި ގޮތުގައި މި ފުލުހުން އުތުރުގެ އަތޮޅުތަކަށް ފުރާނީ މާދަމާ އެވެ.
"އޮޕަރޭޝަން ބްލޫވޭވްސް"ގެ ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލޭގައި ފުލުހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ރޭ ހައެއް ޖެހިއިރު ފެށި އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުން ދެ ބަޔަކަށް ބަހާލައިގެން މާލެ ތެރެ ޕެޓްރޯލްކޮށްފައިވެ އެވެ.
ފުލުހުން ބުނީ މާލޭގައި މިހާރު ވެސް އާއްމުކޮށް ކުރާ ޕެޓްރޯލިންގެ އިތުރުން އިތުރު ފުލުހުން މާލެ ތެރެ އަށް ނެރެ، ރަށުތެރޭގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވާ އިރު ހާއްސަ ގޮތެއްގައި އިންތިހާބުގެ ކެމްޕޭނުގެ ކަންތައްތައް ކުރިއަށް ގެންދާ ފަރާތްތަކުން ހިންގަފާނެ ހަމަނުޖެހުންތަކާއި ކެމްޕޭން ކުރުމުގެ ގަވައިދާ ހިލާފަށް ކުރާ ކަންކަން ސަމާލުކަމަށް ގެންނާނެ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ