އުނގޫފާރު ދާއިރާގެ އިންތިހާބުގައި ވާދަކުރުމަށް، ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާ ބައި އިލެކްޝަނުގައި ޕީޕީއެމުން ކުރިމަތިލާން ބޭނުންވާ މީހުން އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންގާލީ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ ގުޅިގެން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ކުރިމަތިލާން ބޭނުންވާ މީހުނަށް މިއަދުން ފެށިގެން އަންނަ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި އުނގޫފާރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލުމަށް އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅައިފި ނަމަ ޕާޓީގެ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ މި މަހު 18 ވަނަ ދުވަހު ބާއްވާ ޕްރައިމަރީ އިންތިހާބަކުން ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް ވިދާޅުވީ އަފްރާޝީމް އަވަހާރަ ކޮށްލުމާ ގުޅިގެން އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވެފައި ވާތީ އެ ގޮނޑި އަށް ކުރިމަތި ލުމުގެ ފުރުސަތު އަފްރާޝީމްގެ އާއިލާގެ މެންބަރަކަށް ދިނުމަށް ބައެއް ފަރާތްތަކުން "ވަކާލާތު ކުރި" ކަމަށާއި ނަމަވެސް ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލީ އަސާސީ ގަވާއިދާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އަދި ވިދާޅުވީ އުނގޫފާރު ދާއިރާގެ ގޮނޑިއަށް އަފްރާޝީމްގެ އާއިލާ އިން ބޭފުޅަކު ކުރިމަތި ލެއްވުމާ ގުޅޭ ގޮތުން ޕީޕީއެމް އިން ރޭ އެ އާއިލާއާ ބައްދަލު ކޮށްފައިވާ ކަމަށާއި އާއިލާ އިން ވެސް ބޭނުން ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ކަމަށެވެ.
އަފްރާޝީމްގެ އާއިލާގެ ބޭފުޅުންގެ ތެރެއިން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް އަމީން ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ޓިކެޓަށް އަމީން ވެސް ވާދަކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަފްރާޝީމް އާއިލާ އިން ބޭފުޅަކު ކުރިމަތި ލައިފި ނަމަ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން އެ މީހަކަށް ތާއީދު ކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެމްޑީޕީން ވެސް އުނގޫފާރު ދާއިރާ އަޅުގަނޑު ވަނީ އެ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ