ތެމާއަށް ހުއްދަނެތި ވަދެ ތަކެއްޗަށް ގެއްލުންދިން މީހުންނަށް ދައުވާކުރާނަން: މައުމޫނު
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ހިންގަމުން އައި ހ.ތެމާއަށް ހުއްދަނެތި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންނަށް ދައުވާ ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރޭގެ ވަގުތެއްގައި ސިވިލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ބޭނުންކުރާ ދިދަޔާއި ނަންބޯޑު ނެގުމަށް ފުލުހުންނަށް އަންގާފަ އެވެ. އެ އަމުރާ ގުޅިގެން ފުލުން މިރޭ ވަނީ ތެމާއަށް ގޮސް އެތަނުގައި ހުރި ޕީޕީއެމްގެ ދިދަ އަދި ނަން ބޯޑު ނަގާފަ އެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަޔަކާ ނުލައި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންނަށް ދައުވާ ކުރާނެ ކަމަށެވެ. ރައީސް މައުމޫނަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ. އަދި މެމްބަރު ކަމުން ވަކިކުރުމާ ގުޅިގެން ޕާޓީގެ ރައީސް ކަމުންވެސް އެމަނިކުފާނު ވަކިވެފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ވަކި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ