ކޯޓުތަކާ ގުޅުވައިގެން ސުއޫދު ދެއްކެވި ވާހަކަ ސުޕްރީމް ކޯޓާ ހިއްސާ ނުކުރި

ރާއްޖޭގެ ޝަރުއީދާއިރާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަ ކަމަށް މަރުގެ މައްސަަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ދެއްކެވި ވާހަކައިގެ ތަފްސީލު ސުޕްރީމް ކޯޓާ ހިއްސާ ނުކުރި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އެ ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ މަރާލާފައިވާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެވެން ނެތް ކަމަށް އެކޮމިޝަނުން ބުނެފައިވާކަމަށެވެ.
"މިމަހުގެ ހަ ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާކުރަން ސުޕްރީމް ކޯޓުން ކޮމިޝަނުގައި އެދިފައިވާނެ. އަދި އެސިޓީގެ ޖަވާބު އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ސިޓީގެ ޖަވާބު ވަނީ ފޮނުވާފައި. އޭގައި ބުނެފައިވަނީ ކޮމިޝަނުން އެމައުލޫމާތު ހިއްސާ ނުކުރައްވާނެކަން" މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެމައުލުމާތު ހިއްސާކުރުމަށް ދެކޮޅު ހެދުމުން، އެވާހަކަ ސުއޫދު ދެއްކެވީ އެއްވެސް ހެއްކެއް ހުރެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެއްވެސް އިހުލާސްތެރިކަމެއް ނެތި ސުއޫދު ދެއްކެވި ވާހަކައަށް ދިވެހި ރައްޔިތުންނާއި ޝަރުއީ ދާއިރާ އިން ސުވާލު ކުރައްވާ ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.
"އެ ވާހަކަތައް ދެއްކެވީ ރަނގަޅު ހެކިތަކެއް ނެތި ކޯޓުތަކާ މެދު ރައްޔިތުންގެ އިތުބާރު ނަގާލުމަށް. އެފަދަ މައްސަލަތައް ކޯޓުތަކާ ބެގޭ ގަވާއިދުގެ ދަށުން ބަލައި ފިޔަވަޅު އެޅުމުގައި އެއްވެސް ހުރަހެއް ނެތް" މާޖިދު ވިދާޅުވިއެވެ.
ނަމަވެސް ސުއޫދާ މެދު ފިޔަވަޅު އަޅާނެކަމެއް މާޖިދު ސާފުކޮށް ވިދާޅެއް ނުވެއެވެ. އަދި ސުއޫދުގެ އެ އަމަލަކީ ކޯޓުތަކުގެ ހުރުތް ކެނޑުން ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ