އަޅުގަނޑުގެ މިނިސްޓަރުކަމުގައި ކަލާފާނު ސްކޫލް ކޮމްޕައުންޑްގައި ޓާފް އަޅައިދޭނަން: މަޙްލޫފް

ޔޫތު މިނިސްޓަރު ކަމުގައި ހުރިއްޔާ ކަލާފާނު ސްކޫލު ކޮމްޕައުންޑުގައި ޓާފް އަޅައިދޭނެ ކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑު ކޮމިނިއުޓީ އެންޕަވާމެންޓް އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު މިހެން ވިދާޅުވީ، ކަލާފާނު ސުކޫލަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން "ފެހި ހަވީރު އެންމެން އެކުގައި" ނަމުގައި މިއަދު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މަހްލޫފު ވިދާޅުވީ ކަލާފާނު ސުކޫލުގެ ޕްރިންސިޕަލާއި ޕީޓީއޭގެ ބޭފުޅުންނާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި އެންމެބޮޑަށް ފާހަގަ ކުރެއްވުނީ ސުކޫލުގެ ކޮމްޕައުންޑުގައި ޓާފެއް އަޅުމަކީ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.
އެހެންކަމުން ވަކި ދުވަހެއް ކަނޑައެޅިގެން ނުދެންނެވި ކަމުގައިވިޔަސް އެމަނިކުފާނުގެ މިނިސްޓަރު ކަމުގައި ހުރިކަމަށްވަންޏާ، ކަލާފާނު ސުކޫލުގެ ދަރިވަރުންނަށްޓަކާ އަދި ސުކޫލަށްޓަކައި ކަލާފާނު ސުކޫލުގެ ކޮމްޕައުންޑުގައި ޓާފް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކަލާފާނު ސުކޫލުގެ އަހަރީ ދުވަހަށް ޚާއްސަކޮން ހަދާފައިވާ ލަވަ އިފްތިތާޙް ކޮށްދިނުމުގެ ގޮތުން އެލަވަ ހުށައެޅި ބައިވެރިންނާއެކު މިނިސްޓަރު މަޙްލޫފު ލަވަ ވިދާޅުވެދެއްވިއެވެ. އަދި އަހަރީ ދުވަހުގެ ކޭކު ފަޅުއްވައި ދެއްވިއެވެ.
ކަލާފާނު ސުކޫލަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން މިއަދު ކުރިޔަށްގެންދިޔަ ހަރަކާތުގައި އެ ސުކޫލުގެ ކުދިންގެ ޑުރިލްއެއްގެ އިތުރުން ސުކޫލް ބޭންޑުގެ ހަރަކާތްތަކެއްވެސް ވަނީ ދައްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ