ގާސިމް މާލެ ވަޑައިގަންނަވަން ބުރިޖު ބޭނުމެއް ނުކުރައްވާނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެން، މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސިނަމާލެ ބުރިޖު ހުރަސްކޮށް ނޫންކަމަށާއި އެބޭފުޅުން މާލެ ވަޑައިގަންނަވާނީ ކަނޑުމަގުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު 14:00 ގައެވެ. ގާސިމަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކެއް ވެލާނާ އެއާޕޯޓްގެ ވީއައިޕީ ލޯންޖްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއަށް ފަހު ގާސިމް ދެން ވަޑައިގަންނަވާނީ ކަނޑުމަގުން އެއްނަމްބަރު ފާލަމަށެވެ. އެސަރަހައްދުގައި ވެސް ގާސިމަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އެއް ނަމްބަރު ފާލަން ކައިރީ އޮންނަ ހަަރަކާތްތަކަށް ފަހުން ދެން ގާސިމް ވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ޖަގަހަ ކަމަށްވާ ކްނޫޒް އަށެވެ. ގާސިމަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ނިންމާލާނީ ކްނޫޒް އިންނެވެ.
ގާސިމް އިބްރާހިމަށް މަރުޙަބާ ދެންނެވުމުގެ ކަންކަން ރޭވިފައި އޮތްގޮތް ޖުމްހޫރީ ޕާޓީ އިން ވަނީ މީޑިއާތަކަށް ފޮނުވާފައެވެ. ނަމަވެސް ބުރިޖު ހުރަސް ނުކުރައްވާ ކަނޑުމަގުން ގާސިމް މާލެ ވަޑައިގަންނަވަނީ ކީއްވެ ކަމެއް ޖުމްހޫރީ ޕާޓީ އިން ހާމަކުރައްވާފައެއް ނުވެއެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ގާސިމް ޖަރުމަނުވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ