ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފި އެވެ.
މެޓު އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް 3 ދުވަހު ހުރިހާ ސަރަހައްދެއްގައި އާންމުވައި ގަދަވުމާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖޭގެ މިއަދުގެ މޫސުމަށް ބަލާލާއިރު މެޓު އޮފީހުން ބުނީ އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކުރެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ކަނޑުތައް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން މައުލޫމާތުދެ އެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 7 ފޫޓާ ދެމެދު ކަމަށް މެޓުން ބުނެ އެވެ.
ކުރިއަށް އޮތް 3 ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ސަމާލުވުމަށް ދަންނަވަން. All are advised to be cautious of strong winds and rough seas during the next 3 days. For continuous weather updates, please follow MMS Viber group, https://t.co/jVN4MpAbFU pic.twitter.com/cIbluWj7eo— Maldives Meteorology (@MetMaldives) November 9, 2021
ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީންކުރުމަށް މެޓުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ