އެތައް އަހަރެއް ފަހުން، ހޮނުގުގުރި އެޅި ހާދިސާގެ ވާހަކަ ޢަލީ ރަމީޒު ކިޔައިދީފި

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒަށް ދިމާވި ހޮނުގުގުރި ޖެހުމުގެ ހާދިސާގެ ވާހަކަ 22 އަހަރަށްފަހު އޭނާގެ ދުލުން ކިޔައިދީފިއެވެ.
ރޭ ކުލަބްހައުސްގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ޢަލީ ރަމީޒުވަނީ އެހާދިސާގެ ވާހަކަތައް ތަފުސީލުކޮށް ކިޔައިދީފައެވެ. އުމުރުން 49 އަހަރުގެ ޢަލީ ރަމީޒު ބުނީ، އެ ހާދިސާ ހިނގީ ޅ. ހިންނަވަރުގައި ޝޯއެއް ދޭން ހުއްޓާ ކަމަށެވެ. އޭނާ ބުނީ، ހިންނަވަރަކީ އެ ޒަމާނުގައި މިޔުޒިކާއި ލަވަޔާއި ނެށުމަށް ވަރަށް ފޯރި އަރުވާ ރަށެއް ކަމަށާއި މިފަދަ ޝޯތަކާއި މިފަދަ އިވެންޓުތައް އެމީހުން ބާއްވާއިރުގައި އެއްގޮތަކަށް ވެސް ހަރަދަކަށް ނުބަލާނެ ކަމަށެވެ.
ޖުމުލަ 9 ޝޯއެއް އެރަށުގައި ދީފައިވާއިރު، ޢަލީ ރަމީޒު ބުނީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާލެ ފިޔަވައި އެންމެ ގިނައިން އޭނާ ލަވަ ކިޔާފައި ހުރީ ހިންނަވަރުގައި ކަމަށެވެ. އެގޮތުން އެ ރަށުގައި އެކި ފަހަރު މަތިން ޖުމްލަ ނުވަ ޝޯ އަލީ ރަމީޒު ދިނެވެ.
ގުގުރި ޖެހި ހާދިސާ ކިޔާދެމުން ޢަލީ ރަމީޒު ބުނީ، އެރަށަށް ގޮސް ހަވީރު ސައުންޑް ޗެކް ކުރަން އުޅެނިކޮށް ވަރަށް ވަރުގަދަ ވައިރޯޅިއެއް އައި ކަމަށާއި އެއީ ވަރަށް ވަރުގަދަ ވައިރޯޅިއެއް ކަމަށެވެ. އެ ވައިރޯޅި އައިސް ޖަހާފަ ހުރި ސަތަރި ހަމަ އެއްކޮށް ކަހަލަ ގޮތަކަށް އެއްލާލިކަމަށާއި ނަމަވެސް އެކަން އެއްވެސް މީހަކަށް މާ ބޮޑު ކަމަކަށް ނުވި ކަމަށެވެ. އެއީ ބޮޑު މައްސަލައެއް ނޫނޭ އެއީ ދެން ހަމަ އާދައިގެ ވައި ކޮޅެކޭ، ބައެއް މީހުންގެ ވާހަކަތައްހުރީ މިފަދަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.
ސައުންޑު ހެދުމަށް ފަހު އެ ރޭ އަލީ ރަމީޒާއި ބޭންޑުގެ އެހެން މެމްބަރުން ސްޓޭޖު ކައިރިއަށް ދިޔަ އިރު ހިންނަވަރާއި ޅ. އަތޮޅުގެ ވަރަށް ގިނަ ބަޔަކު ޝޯ ބަލަން ގޮސް މުޅި ތަން އޮތީ ފުރިފައެވެ.
އެންމެ ފަހު މީހަކަށް މަޑުކޮށްގެން ހުރެފަ އަލީ ރަމީޒު ސްޓޭޖަށް އެރި އިރު މުޅި ތަނަށް އޮތީ އާދަޔާ ހިލާފު ފޯރިއެއް ވެރިވެފައެވެ.
ސްޓޭޖަށް އެރުމަށްފަހު ލަވަކިޔަން ފަހުގެ ނޭވާ ވެސް އަލީ ރަމީޒު ލިއެވެ. އެކަމަކު ސްޓޭޖުން ފައިބަން ޖެހުނީ އެ ރޭ ލަވަ ނުކިޔައެވެ.
"ކޮންމެއަކަސް އަޅުގަނޑު ކިޔަން އޮތް ލަވަ ކިޔަން ފަށަންވެގެން މައިކު ސްޓޭންޑުން ނަގާފަ ހަމަ ކިޔަން އެންމެ ފަހު ނޭވާ ލީ ތަނާ އެ ޖަހާލި ބާރު ގުގުރި އިނގޭތޯ،" އޭނާ ކިޔައިދިނެވެ.
ޢަލީ ރަމީޒު ބުނީ، މި ގުގުރީގެ ބާރުމިން ހުރި މިންވަރަކީ، އެތާ ޝޯ ބަލަން ގޮސް ތިބި އެންމެން ކަހަލަ ގޮތަކަށް ގުގުރިއާއިއެކު ބިންމައްޗަށް ހަމަ ތިރިވެގެން ދިޔަ ކަމަށެވެ. އަދި، ކުއްލިއަކަށް މީހުންތައް ރޯން ފެށި ކަމަށާއި ބޮޑެތި މީހުންވެސް ރޯން ފެށިކަމަށެވެ. އަދި އެކި މީހުން އެކި ކޮޅުކޮޅަށް ދުއްވައިގަންނަން އުޅޭ މަންޒަރު ވެސް ފެނުނުކަމަށާއި އެއީ، ވަރަށް ބިރުވެރި ވަރަށް ބާރު ގުގުރިއެއް ކަމަށް އޭނާ ކިޔާދިނެވެ.
"އެވަގުތު ވެސް ހަދާނެ ނުހަދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގުނު. ވަރަށް ގިނަ މީހުންނަށް ހަމަ ރޮނީ. ބޮޑެތި މީހުން ހަމަ ބިރުން ރޮނީ. ދެން އަޅުގަނޑުމެންނަށް ވެސް ހަދާނެ ގޮތެއް ނޭނގުނު. އަޅުގަނޑުމެން ވެސް ހަމަ ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރީ. އެންމެން ތިބީ ހަމަ މާޔޫސްވެފައި."
އެރޭ ހޮނު އެޅުމުގެ ސަބަބުން ހިންނަވަރަށް ބޮޑު ގެއްލުމެއްވި އެވެ. އަދި ބޭންޑުގެ ބައެއް ސާމާނުތައް ވެސް ހަލާކުވެ އެރޭގެ ޝޯ ކެންސަލް ކުރަންޖެހުނު ކަމަށް އޭނާ ބުންޏެވެ.
1999 ވަނަ އަހަރު ހިނގި މި ހާދިސާގެ ވާހަކަ ކިޔައިދެމުން ޢަލީ ރަމީޒު ބުނީ، އޭނާ ލަވަކިޔުން ހުއްޓާލީ އެފަދަ ހާދިސާއެއް ދިމާވެގެން އެފަދަ ކަމަކާއި ގުޅިގެން ނޫންކަމަށެވެ. އެހެންނަމަވެސް، މިފަދަ ހާދިސާތަކުން އިބުރަތް ހާސިލް ކުރުމަށް އޭނާވަނީ އިލްތިމާސް ކޮށްފައެވެ. އަލީ ރަމީޒު މިޔުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ މީގެ 18 އަހަރު ކުރިން 2003 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ