ގްރޭޓާ މާލޭ ގްރިޑްގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުވެސް، ކަރަންޓު ކެނޑިދާނެ

ގްރޭޓާ މާލޭ ގްރިޑްގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުވެސް ކުރަން ހަމަޖެހިފައި ވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނި (ސްޓެލްކޯ) އިން ބުނެފިއެވެ.
މީގެ ކުރިން އެ މަސައްކަތް ކުރާ ފަހު ދުވަހުގެ ގޮތުގައި ހަމަޖެހިފައި އޮތީ މިއަދެވެ. އެހެން ނަމަވެސް މި މަހުގެ 23 އަދި 24 ގައިވެސް އެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާ ނުވާނަމަ 24 ވަނަ ދުވަސް ވާނީ އެ މަސައްކަތުގެ ފަހު ދުވަހަށެވެ.
ސްޓެލްކޯއިން ބުނީ އެ ދެދުވަހު އެ މަސައްކަތް ކުރާ ވަގުތު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިއަދުވެސް 17:00 އާ ހަމައަށް އެ މަސައްކަތް ކުރަން ހަމަޖެހިފައި ވާއިރު، މިއަދުވެސް ކަރަންޓީ ކެނޑުމުގެ ފުރުސަތު އޮންނާނެއެވެ.
ގްރޭޓާ މާލޭ ގްރިށް މަސައްކަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ގްރޭޓާ މާލޭ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކޮށްފައެވެ. އަދި މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.
އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ