ލާމަރުކަޒީ ގާނޫނުން ކަންކަން ނުވެ ހުރި ސަބަބަކީ ބިމާއި ބެހޭގޮތުން ދީފަހުރި ބާރުތައް ހަމައެކަނި ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގައި ހިފަހައްޓާފައި ހުރުމުން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުން ދީފައިވާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ބިމާބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކަށް ބަހުސްކުރައްވަމުން މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް 12 އަހަރު ވެފަވާއިރު ކަންކަން ނުވެފަހުރި މައިގަނޑު ސަބަބަކީ ބިމާއި ބެހޭގޮތުން ދީފަހުރި ބާރުތައް ހަމައެކަނި ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގައި ހިފަހައްޓާފައި ހުރުމުން ކަމަށެވެ.
މާލި ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ނުވަތަ މުއާމަލާތްތައް ކުރުމަށް ހުރި ހުރަސްތައް މާލިއްޔާތު ގާނޫނުން ޖާގަދެވިގެން ނޫނީ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ނަތީޖާ ނުދެއްކޭނެ ކަމަށެވެ.
ގާނޫނުގަ ކުރިން އޮންނަ ގޮތުން ނަމަ ރާއްޖޭގެ ކޮންމެ ތަނެއްގައި ހަމައެކަނި ބިމަށް ބަސްބުނުމުގެ ހައްގު ލިބިގެންވަނީ ކަމާ ބެހޭ މިނިސްޓްރީތަކަށް ކަމަށާއި އެހެންނަމަވެސް އަލަށް ގެންނަ އިސްލާހުން ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކައުންސިލްތައްވެސް ހިމެނޭތީ ބޭނުންވާ ބަދަލު އެކަމުގެ ތެރެއިން ލިބިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މާލިއްޔަތާ ބެހޭ ގާނޫނުގައި އޮތް ފަދައިން ކުރިން އެކަންތައްތައްވެސް ހިފެހެއްޓިފަ އޮތީ ފިނޭންސް މިނިސްޓްރީގައި އެކަނި ކަމަށާއި ނަމަވެސް މިހާރު ފާސްކޮށްފައިވާ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ ތެރެއިން ފަސް އިންސައްތަ ލިބޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ބިމާއިބެހޭ ބިލަށް ބަހުސްކުރައްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ބާރުތައް ދޫކޮށްލައި ހެޔޮ ވެރިކަމުގެ ނިޒާމަކާއި ދިމާލަށް ވެރިކަން ކުރަން ކެރުނު ހަމައެކަނި ވެރިޔަކީ ރައީސް ސާލިހު ކަމަށާއި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ ލާމަރުކަޒް ކުރުމުގެ މަޝްރޫޢު ކަމަށެވެ.
މީގެ އިތުރަށް ސަލީމް ވިދާޅުވީ ލާމަރުކަޒީ ގޮތުން ހިފެހެއްޓިފައިވާ ބާރުތައް ލާމަރުކަޒީ އުސޫލުން ދޫކޮށްލުމަކީ އޭރެއްގައި އޮންނަ ސަރުކާރަކަށް ކުރަން ނުކެރުނު ކަމަކަށް ވީނަމަވެސް މިސަރުކާރުން އެކަން ކުރައްވަމުންދަނީ ހެޔޮވެރިކަމުގެ މިސްރާބަށް ކަމަށެވެ.
އަދި ބިމުގެ މިލްކުވެރިކަން ކަންސިލްތަކަށް ދިނުމަށް ހުށަހެޅި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއްލިބި، ފުދުންތެރި ކައުންސިލްތަކަކަށް ވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.
ކަންކަން ނުވެ ހުރީ މިނިސްޓްރީތަކުން ބާރުތައް ހިފަހައްޓާފައި ހުރުމުން: މެމްބަރު ނިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ