ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ހައްގު ހުކުމް ކުރާނެކަން ޔަގީން: ޣައްސާން

ސުޕްރީމު ކޯޓުން އަންނަ އަންގާރަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހައްގު ހުކުމް ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ. މަނީ ލޯންޑާ ކުރިކަން ސާބިތުވެ, ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމައިލައިފައިވާއިރު، ނޮވެމްބަރު މަހުގެ 30 ވާ އަންގާރަ ދުވަހު ހުކުމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅިގެން ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކުރިއަށް ގެންދިޔަ ކުރިއަށްދިޔަ ޝަރީއަތްތައް ބެލިން ކަމަށާއި އެ ދެ ކޯޓުން ހައްގު ހުކުމެއް ކުރިނަމަ ރައީސް ޔާމީން މިނިވަން ވީސް ކަމަށެވެ. "ސުޕްރީމު ކޯޓު ނުފޫޒަށް ގުޑާ ވަރަށް ވުރެ މާ ފުންނާބު އުސް ކަމަށް ގަބޫލުކޮށް ނޮވެންބަރު 30 ގައި ހައްގު ހުކުމް ކުރައްވާނެ ކަން ޔަގީން. އޭރުން ރައީސް ޔާމީން މިނިވަން ވާނެ އިންޝާﷲ،" ޣައްސާންގެ ޓްވީޓުގައި ވިދާޅުވިއެވެ. ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ ޖެނުއަރީ 21، 2021 ވަނަ ދުވަހެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި ވަނީ ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ. ދިފާއުން ރައީސް ޔާމީންގެ ފަރާތުން ވަނީ ގާނޫނީ ނުކުތާތަކެއް ނަގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް އެދިފައެވެ. ދިފާއުގެ ހުރިހާ ކަމަކަށް ދައުލަތުން ވަނީ ރައްދު ވެސް ދީފައެވެ. އިސްތިއުނާފަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އިސްތިއުނާފް ކުރި ފަރާތުން އެދުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށް ދެވެން ނެތް ކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ފަސްކޮށްދިނުމަށް ވެސް ދިފާއުން އެދުނެވެ. އެކަން ވެސް ކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، ރައީސް ޔާމީންގެ ފަރާތުން އެދުނު ކަންތައްތަކުގެ ތެރެއިން އެ ފަރާތުން އެދުނު ގޮތަށް ނިންމާފައިވަނީ އެންމެ ކަމެކެވެ. އެއީ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ