ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އާޒިމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.
އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށް ކަނޑައަޅުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ހުށަހެޅީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް އިއާދަ ކުރުމަށެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރާއިރު މިހާރު ތިބި ފަސް ފަނޑިޔާރުންގެ ނަމާއި އެކު އަލުން ހަތް ފަނޑިޔާރުން އައްޔަން ކުރާނީ ކަމެއް ނުވަތަ ނޫންކަމެއް އާޒިމް ހުށަހެޅުއްވި ބިލްގައި ބަޔާން ކުރައްވާފައެއް ނުވެއެވެ.
2014 ވަނަ އަހަރު ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެނެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ