ރައީސް ޔާމީން އިދިކޮޅުގައި ހުރުމަކީ މިސަރުކާރަށް ކެއްކުރެވޭނެ ކަމެއް ނޫން: އަބްދުރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިދިކޮޅުގައި މަސައްކަތް ކުރައްވަން ހުންނެވުމަކީ މިސަރުކާރަށް ކެއްކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި ދޮޅު މަހެއްހާ ދުވަހު އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް މެލޭސިއާއަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު ބުދަ ދުވަހުގެ ރޭ މާލެ ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ކޯޓަށް ހާޒިރުކުރިޔަސް އެމަނިކުފާންގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ކޯޓަށް ހާޒިރުކުރަން ޗިން ފޮނުވާފިއްޔާ އެމަނިކުފާނަކީ ކޯޓަށް ހާޒިރުވާނެ ބޭފުޅެއް ކަމަށެވެ. އަދި މިސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް މިއަދު ވެފައި ވަނީ ރައީސް ޔާމީން ކަަމަށާއި އެމަނިކުފާން އިދިކޮޅުގައި މަސައްކަތް ކުރައްވަން ހުންނެވުމަކީ ހަމަގައިމުވެސް ސަރުކާރަށް ކެއްކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އަބްދުރަހީމް ވިދާޅުވި އެވެ.
އަބްދުރަހީމް ވިދާޅުވީ، ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވި ތަރައްގީ މިއަދު މިފެންނާނީ ހުއްޓިގެންދާތަން ކަމަށާއި ރާއްޖޭގެ އިގްތިސޯދަށް އެމަނިކުފާން ހޯދައިދިން ކުރިއެރުންތައް ވެސް މިއަދު މިދަނީ މަޑުޖެހެމުން ކަމަށެވެ. އަދި މިވަގުތަކީ ދިވެހި ގައުމަށް ދިމާވެފައި އޮތް ވަރަށް ހުތޫވަތްތެރި ވަގުތެއް ކަމަށް ވެސް އަބްދުރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސި މަސްރަހު މިހާރު ހިގަމުން މިދަނީ އުންމީދު ކުރި ގޮތައް ނޫންކަން ފާހަގަ ކުރައްވާ އަބްދުރަހީމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް މިއަންނަ ބަދަލުތަކާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ކަަމަށް ވެސް ބުރޫ އަރާފަދަ ކަންތައްތަކެއް ހިގަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން މިއަދު ގައުމުގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑެތި ހީނަރު ކަމެއް ވަނީ ކުރިމަތިވާން ފަށާފައި ކަމަށް ވެސް އަބްދުރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ތިބީ ސަރުކާރު ޒިންމާދާރުކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން ކަން ފާހަގަ ކުރައްވާ އަބްދުރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށައި އަދި ހަރަކާތްތައް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެެވެ.
މީގެ އިތުރުން ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނައީ، ނޮވެމްބަރު 3 ގެ ޚާއިނު ހ ހާޖަރާގޭ އަބުދުﷲ ލުޠުފީ ރާއްޖެ ގެނައިއިރު ވަރަށް އިޒްޒަތްތެރި ބޭފުޅެއްގެ ގޮތުގައި ގެނައުމުން އަބްދުރަހީމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ލުތުފީއަށް ދިވެހި ރައްޔިތުން މާފް ނުކުރާނެ ކަމަށާއި އޭނައަކީ މިގައުމުދުން އެންމެ ބޮޑު ހާއިނު ކަމަށްވެސް އަބްދުރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ