ގާސިމް ގެންދަވަނީ ލަތީފާގެ ހިމާޔަތުގައި މަޖިލީސް ގަޑުބަޑު ކުރަމުން: ރައީސް ނަޝީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމްގެ މަސްލަހަތު ހިމާޔަތްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީސް ގަޑުބަޑު ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި މިއަދު އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންސާފު ގާއިމްކުރުމަށް މިވަގުތު އެންމެ މުހިންމު ބިލަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން މަޖިލީހަށް ފޮނުވާފައިވާ ގާނޫނީ ހިދުމުގެ ބިލް ކަމަށެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލް އޮތް އިރު، މަޖިލީހުގެ ތަޅުމަށް އެ ބިލް ހުށަނޭޅިގެން އުޅެނީ ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރަން ގާސިމް ކުރައްވާ މަސައްކަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގައި މި ބިލް ކުރިއަށް ނުގެންދެވިގެން މި އުޅެނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގައި އިންނަވާ، ވަރަށް ކުޅަދާނެ ބޭފުޅެއް ކަމުގައި ވަނީ، މި ތަނުގައި އެ ބޭފުޅެއްގެ ނަން އަޅުގަނޑު ކިޔަން އެބަ ޖެހޭ، ލަތީފާ ގާސިމް ކިޔާ ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެ ބޭފުޅާގެ މަސްލަހަތު ސަލާމަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޅުގަނޑުމެން ހުށަހަޅާފައިވާ އެ ބިލް ތަޅުމަކަށް ނުއެއް ގެންނެވި... އެހެންވީމާ ކޮންމެހެން ވެސް މި ދަންނަވާ ޖިންސުއް ލަތީފާގެ ކަންކަން، އެ ބޭފުޅާގެ މަސްލަހަތު ހިފަހައްޓަވަން މުޅި ރައްޔިތުންގެ މަޖިލިސް ގަޑުބަޑު ކުރަމުން އެ ގެންދަނީ،"
ސަރުކާރުން ހުށަހަޅާފައިވާ އެ ބިލް އޮތް ގޮތުން ލަތީފާގެ މަގާމު ދައުރު ހަމަނުވަނީސް ގެއްލޭ ގޮތަށެވެ. އެގޮތުން އެ ބިލުގައި އޮތް ގޮތުން ޖޭއެސްސީ އަށް ގާނޫނީ ވަކީލުންގެ ފަރާތުން މެމްބަރަކު ހޮވާއިރު މިހާރު ފަނޑިޔާރުންނަށް ވޯޓް ލެވެން އޮންނަ އޮތުމަށް ނިމުމެއް އަންނާނެ އެވެ.
އޭގެ އިތުރުން އެ ބިލުގައި ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް އެ އެސޯސިއޭޝަނަށް ދިނުމަށް ވެސް ވަނީ ހިމަނާފަ އެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ، ބާ އެސޯސިއޭޝަނުން ޖޭއެސްސީ އަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ