އަފްރާޝިމްގެ މަރުގެ މައްސަލާގައި ހާމަކުރަންޖެހޭ އައު މަޢުލޫމާތެއް ނެތް - ރިޔާޒް

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލާގައި ހާމަކުރަންޖެހޭ އިތުރު އައު މަޢުލޫމާތެއް ނެތްކަމަށް އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ކުރިން ވިދާޅުވީ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށާއި މިހާތަނަށް އެފަދަ "ޕްލެޓްފޯމެއް" ނެތްކަމަށެވެ. ނަމަވެސް މިރޭ "ޕީއެސްއެމް" ގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، އޭނާ އަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢޫލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށެވެ.
އެއީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި މަޢުލޫމާތުތައްކަމަށާއި، މަރާލާފައިވާ މީހުންގެ މައްސަލަ ބެއްލެވުމަށް ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޙިއްސާކުރަންޖެހޭ އައު މަޢޫލޫމާތެއް އޭނާގެ އަތުގައި ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ އެ މަޢުލޫމާތު އެ ކޮމިޝަނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުން އެއޮތީ ފޯރުކޮށްދީފައޭ. އަޅުގަނޑުގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އޮތްނަމަ އަޅުގަނޑު ޤަބޫލުކުރަނީ ވިދާލުވާނެކަމަށް." ރިޔާޒް ވިދާޅުވިއެވެ.
އަމިއްލަފުޅަށް އިސްނަންގަވައިގެން ރިޔާސީ ކޮމިޝަނަށް މަޢުލޫމާތު ޙިއްސާކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވެސް ރިޔާޒް މިރޭ ވިދާޅުވިއެވެ.
"އެ ވިސްނުން އަލުގަނޑަށް ނާންނަަނީ އަޅުގަނޑު ހުރި އިންސްޓިޓީއުޓްގައި ހުރިހާ މަޢުލޫމާތެއް ހުންނާނެތީވެ. އަޅުގަނޑު އަމިއްލައަށް ދާންޖެހޭ ސަބަބެއް އޮތްކަަމަށް ޤަބޫލުނުކުރަމޭ. އެއީ އަޅުގަނޑު ކޮމިޝަނަރަކަށް ހުއްޓާ ލިބުނު މަޢޫލޫމާތެއް ހުރިހާއެއްޗެއް ހުރިހާ މަޢުލޫމާތެއް ހުރީ ފުލުހުންގެ އިދާރާގައި. އިތުރުކަމެއް ސާފްކުރަން އޮތްކަމަށް ޤަބޫލެއް ނުކުރަން." ރިޔާޒް ވިދާޅުވިއެވެ.
އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު އެކަމަށް އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށް ރިޔާޒް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ވިދާޅުވެފައެވެ. އެއީ ރިޔާޒް އެހެން ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ.
އަފްރާޝީމްގެ މަރާއި ގުޅިގެން ހާމަކުރަން ޖެހޭ ބައެއް މައުލޫމާތު އެބަހުރި ކަމަށް ރިޔާޒް ފުރަތަމަ ވިދާޅުވީ 2015 އޭޕްރީލް 21 ވަނަ ދުވަހު އެވެ.
ރިޔާޒް ވިދާޅުވި އެކަށީގެންވާ ވަގުތަކީ ކޮބައިތޯ ޓްވިޓާ މެދުވެރިކޮށް ސުވާލު ކުރުމުން 2016 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ރިޔާޒް ވަނީ އެވަގުތު މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެ އަފްރާޝީމްގެ މަރާއި ގުޅޭ ގޮތުން އެދުވަހު ފުލުފުލު ގައި ޓްވީޓް ކުރައްވާފައެވެ. އެއީ ހުމާމް މަރަން 23 ޖޫން ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ޙުކުމް ކުރުމުންނެވެ.
އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު ހާމަކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެ އެދުވަހު ރިޔާޒް ވިދާޅުވީ "ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީން އެއްވެސް ގުޅުމެއް ވާ ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ނުލިބޭ އަޅުގަނޑު ހުރިއިރު،"
"ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ހަމައެކަނި ފުލުހުންނަކަށް ނޫން. ފަނޑިޔާރުގެ ކުރިމަތީގައި އަދި އަފްރާޝީމްގެ އާއިލާ މީހުންގެ ފަރާތުން މައާފަށް ވެސް އެދުނު،" ރިޔާޒް ހަމަ އެދުވަހު ވިދާޅުވި އެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އުފެއްދި ރިޔާސީ ކޮމިޝަނުން ގެންދަނީ އަފްރާޝީމްގެ މަރުގެ މައްސަލަ ވެސް ތަޙްޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ