ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ލިސްޓް ގެޒެޓްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުބަށް ބާއްވާ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފި އެވެ. އަންނަ ޖޫން މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބޭ ފަރާތްތައް އާންމުކޮށް މިއަދު ގެޒެޓްކޮށްފައިވާ ލިސްޓުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ ޖުމްލަ 2555 މީހުން ހިމެނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 25 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. ޖޫން ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށް ފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރު ބާއްވަން ހަމަޖައްސާފައި ވަނީ ކުރިން އިންތިޚާބު ބާއްވާން ހަމަޖެއްސި ތާރީޚު ކަމުގައިވާ ޖޫން މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ އިރު ވާދަކުރުމަށް ހުށަހަޅަން ޖެހޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 3:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރާނެ އެވެ. ސަރުކާރު ރަސްމީ ބަންދު ދުވަހު ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 2:30 އިން ހަވީރު 4:30 އަށެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި މިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ