އިންޖީނު ވަގަށް ނެގި ކަމުގެ ކުށް ސާބިތުވި މީހާގެ ކެންޑިޑޭސީ ބާތިލެއް ނުވާނެ: ސުޕްރީމް ކޯޓު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އއ. ހިމަންދޫގެ ރަށު ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އެރަށު ޖަވާހިރު ވާދީ އަސީތު ތައުފީގަކީ އައުޓްބޯޑް އިންޖީނެއް ވަގަށް ނެގިކަން ސާބިތުވެ، ހުކުމް ތަންފީޒުކޮށްފައިވާ މީހަކަށް ވުމުން އޭނާގެ ކެންޑިޑޭސީ ބާތިލްކޮށްފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާއާ އެއްކޮޅަށް މިއަދު ހުކުމްކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 12 ވަނަ މާއްދާ ބުނާ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމަށް ބަލައި އަސީތުގެ ކެންޑިޑޭސީ ބާތިލުކުރި ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި ކެންޑިޑޭޓަކާ ގުޅޭ މައްސަލައެއް އޮތް ނަމަ އެކަން 48 ގަޑި އިރުގެ ތެރޭގައި އަންގަން ޖެހޭ ކަމަށާއި އަސީތުގެ މައްސަލައެއް އޮތްކަން އެ މުއްދަތުގައި އަންގާފައި ނެތް ކަމަށެވެ. އެހެންވެ ކެންޑިޑޭސީ ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި އޮތް ވަގުތު އޮތީ ހަމަވެފައި ކަމަށާއި އެ ވަގުތުގެ ފަހުން ކެންޑިޑޭސީ ބާތިލު ކުރެވޭނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް ހުކުމުގައިވެ އެވެ.
މީގެ ކުރިން ވަނީ މުއްދަތު ހަމަވެފައި އޮތް އައިޑީ ކާޑެއް ހުށަހެޅި މީހެއްގެ ކެންޑިޑޭސީ ބާތިލުކުރި މައްސަލައެއްގައި، އެކަން 48 ގަޑި އިރުގެ ފަހުން އަންގާފައި ވާތީ އެ މީހާގެ ކެންޑިޑެސީ ސައްހަވާނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފަ އެވެ.
މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި އަސީތުގެ ވަކީލް ޝަހީމް އަހްމަދު ވިދާޅުވެފައި ވަނީ އިންތިހާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓެއް ކަމަށް ހިމަންދޫ އިލެކްޝަންސް ކޮމިޓީން ނިންމުމާ ގުޅިގެން އަސީތު ކެމްޕޭނު ކުރަމުން ދަނިކޮށް، އޭނާ އަކީ ޖަމާއަތް ހަދައިގެން ވައްކަންކުރިކަން ސާބިތުވެފައިވާ މީހެއްކަން އެނގުމުން، ކެންޑިޑޭސީ ބާތިލުކޮށް އެންގީ ޖެނުއަރީ 5 ވަނަ ދުވަހު ކަމަށެވެ. އަދި ވަކީލް ވިދާޅުވީ ޖުލައި ،30 2003 ގައި އަސީތުގެ މައްޗަށް ކުރި އެއް އަހަރާއި 11 މަސް ދުވަހަށް އަރުވާލުމުގެ ހުކުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 12 ވަނަ މާއްދާ ބުނާ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވުން ނޫން ކަމަށެވެ. އަދި އަސީތުގެ މައްޗަށް އިއްވާފައި ވަނީ ތައުޒީރީ ހުކުމެއް ކަމަވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލް ވިދާޅުވީ އަސީތަކީ އައުޓްބޯޑް އިންޖީނެއް ވަގަށް ނެގުމުން ވައްކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމަށް ރިޕޯޓްކުރީ އާންމުންގެ މީހެއް ކަމަށާއި ކުށުގެ ރެކޯޑް ސާފުކުރުމުން އެކަން ކަށަވަރު ކުރެވުނު ކަމަށެވެ. އަދި އަސީތުގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ ސީދާ އޭނާގެ އިއުތިރާފުން ކަމަށް ވާތީ އެއީ ހައްދު ކަނޑައެޅިފައިވާ ހުކުމެއް ކަމާ މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ކެންޑިޑެސީ ބާތިލުކުރީ އެހެންވެ ކަމަށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ