ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް އައްޑު އަތޮޅުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ސްކޫލްތަކުގެ ކުދިން ބައިވެރިކޮށްގެން ޓްރެފިކް އޮޕަރޭޝަންތައް ހިންގަން ފުލުހުން ފަށައިފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހަފުތާއަކު އެއް ދުވަހު ސްކޫލް ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަންތަކުގެ އެންމެ ބޮޑު މަގުސަދަކީ ކިޔަވާ ކުދިން މިހާރަށް ވުރެ ބޮޑަށް ޓްރެފިކް މައްސަލަތަކަށް ހޭލުންތެރިކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވުން ކަމަށް ފުލުހުން ބުނެ އެވެ.
"އެގޮތުން އޮޕަރޭޝަނުގައި މަޑުކުރެވޭ ވެހިކަލްތައް ބަލައި ޗެކް ކުރުމާއި ގަވައިދާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގައި ކިޔަވާ ކުދިން ބައިވެރިކޮށްގެން ކުރިއަށް މިގެންދަނީ،" ފުލުހުންގެ އައްޑު އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރު އާދަމް އިޔާޒު ވިދާޅުވި އެވެ. "މިކަމުގައި ކިޔަވާ ކުދިން މި ބައިވެރި ކުރަނީ އެ މީހުންނަކީ ކުރި މަގުގައި މިފަދަ ކަންތައްތަކުގެ ޒިންމާތަކާ ހަވާލުވެގެން ތިބޭނެ ބަޔަކަށް ވާތީ ދަރިވަރުން ހޭލުންތެރި ކުރުވުމަށް."
ސްކޫލް ކުދިން ބައިވެރިކޮށްގެން ފުރަތަމަ ފަހަރަށް ފުލުހުން ޓްރެފިކް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަނުގައި ބައިވެރިކޮށްފައި ވަނީ ހިތަދޫ މުހިއްބުއްދީން ސްކޫލުގެ ދަރިވަރުންނާއި ފޭދޫ ސްކޫލުގެ ދަރިވަރުންނެވެ.
ބުރާސްފަތި ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައި ބައިވެރިކޮށްފައި ވަނީ ހިތަދޫ އިސްލާމިއްޔާ ސްކޫލުގެ ދަރިވަރުންނާއި މަރަދޫ އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނެވެ. ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުން އަންނަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު އެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވެސް ސްކޫލްތަކުގެ ދެ ޖިންސުގެ ދަރިވަރުން ބައިވެރިކޮށްގެން އޮޕަރޭޝަންތައް ކުރިއަށް ގެންދާ ގޮތަށް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.
މިގޮތަށް ފުލުހުން ޓްރެފިކް އޮޕަރޭޝަން ކުރިއަށް ގެންދަނީ މި އަތޮޅުގެ ގުޅިފައިވާ ރަށްރަށުގައި އެކަންޏެވެ.
އައްޑޫގައި ސްކޫލް ކުދިން ބައިވެރިކޮށްގެން ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ