އެމްޑީޕީ އިއްތިހާދުން މަޓީ އާއި ވިޔަފާރިންގެ ޖަމިއްޔާއާ ބައްދަލުކުރުން: ބިމުގެ މިލްކުވެރިކަމަކީ ވިޔަފާރިވެރިންނަށް ކޮންމެހެން މުހިންމ

ބިމުގެ މިލްކުވެރިކަމަކީ ވިޔަފާރިވެރިންނަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އެކަމާ މެދު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ވިސްނާނެ ކަމަށް ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މުހައްމަދު ނަޝީދު (އަންނި) އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ޖަމިއްޔާ، މަޓީ އާއި ވިޔަފާރިވެރިން ތަމްސީލުކުރާ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އިސް ފަރާތްތަކާއެކު އެމްޑީޕީ އިއްތިހާދުން އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބިމުގެ މިލްކުވެރިކަން ފުރިހަމަ ގޮތުގައި ވިޔަފާރިވެރިންނަށް ނުލިބޭތީ ވިޔަފާރިތައް ރަނގަޅު ގޮތުގައި ކުރެވެން ނެތް ކަމަށެވެ.
"ބިމުގެ މިލްކުވެރިކަމަކީ މުހިންމު ކަމެއް. ވިޔަފާރީގެ މުއާމަލާތެއް ހިންގަންޏާ ބިމުގެ މިލްކުވެރިކަން އެ މުއާމަލާތް ހިންގާ ބަޔަކަށް އޮންނަން ޖެހޭނެ. އެނގިވަޑައިގަންނަވާނެ ދިގު މުއްދަތަށް ސަރުކާރުން މިހާރު ކޮންޓްރެކްޓް ކުރައްވާފައިވީ ނަމަވެސް މި ކޮންޓްރެކްތައް އޮންނަ ގޮތަކުން ހަގީގަތުގައި އެ ވިޔަފާރިއެއް ހިންގާ ފަރާތަށް ބިމުގެ ކިރިޔާ ވެސް މިލްކުވެރިކަމެއް މި އޮންނަނީ ދެ ތިން ކަމަކުން. އެ ގޮތަށް އެ އުސޫލުން އޮތީމަ ސިޔާސީ ގޮތުން ކަންކަން ކުރުވުމަށް ފަސޭހަވެދާނެ. އެހެން ނަމަވެސް އިގުތިސޯދީ ގޮތުން އެއީކީ ރަނގަޅު ކަމަކަށެއް ނުވާނެ. ރައްޔިތުންނަށް އެއިން ފައިދާއެއް ނުލިބޭނެ. އަޅުގަނޑުމެން އެ ބޭފުޅުންގެ (ވިޔަފާރިވެރިން) ބަސް ވަރަށް ފުރިހަމައަށް ގަބޫލުކުރަން. އެއީ އަޅުގަނޑުމެން ވެސް ވަކާލާތު ކުރަމުން އައި މަގު. އިރާދަކުރެއްވިއްޔާ މީގައި އަޅުގަނޑުމެން ދެ ފަރާތް ދޭތެރޭގައި ތަފާތެއް ނެތް،" އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ނަޝީދު ހުންނަވާ ގެ، ހިލާލީގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޓީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކުގައި އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ފައިސާ ހޯދާނެ ޑިވެލޮޕްމަންޓް ބެންކެއްގެ މުހިންމު ކަމާއި ވިޔަފާރި ހިންގާ ބިމުގެ މިލްކުވެރިކަން އޮތުމުގެ ބޭނުންތެރިކަމުގެ މައްޗަށެވެ.
ޓޫރިސްޓް ރިސޯޓްތައް 99 އަހަރަށް ކުއްޔަށް ދޫކުރުމުގެ ވާހަކަތަކެއް މިހާތަނަށް ވެސް ދެކެވިފައިވާ ކަމަށާއި ނަޝީދުގެ ސަރުކާރެއްގައި އެކަން ގެންދަވާނީ ކޮން ގޮތަކަށްތޯ ދެންނެވުމުން އިއްޔެގެ ނިއުސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންނަކީ މެދުމިނުގެ ނުވަތަ ކަނާތުފިޔައަށް ބުރަވާ މެދުމިނުގެ އިގުތިސޯދީ ސިޔާސަތެއް ގެންގުޅޭ ފަލްސަފާއެއްގެ ބައެއް" ކަމަށެވެ.
"އެހެންވީމަ ބިމަކީ ވިޔަފާރިކުރާ ހަލާލު މުދަލެއް. އޭގައި ފުރިހަމަ ވިޔަފާރީގެ މުއާމަލާތް ހިންގެން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ ފަލްސަފާއެއް. އެ ފަލްސަފާގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ބޭފުޅުންނާ ވާހަކަ ދައްކަމުން ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އިއްޔެ މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު އަދި ވިދާޅުވީ ޑިވެލޮޕްމަންޓް ބެންކެއް އުފެއްދުމުގެ މަސައްކަތް ވީހާ ވެސް އަހަކަށް ކުރެވޭތޯ އުއްމީދު ކުރައްވާ ކަމަށާއި އެކަން ލަސް ކުރެއްވެން ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ ސަރުކާރަށް ދަރަންޏަށް އިތުރަށް ފައިސާ ނެގޭކަށް މިހާރު ނެތް ކަމަށާއި ދަރަނީގެ އަދަދު، ބައިނަލްއަގްވާމީ މިންގަނޑު ފަހަނަޅައި ދާ ކަމަށެވެ.
މަޓީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސް ފަރާތްތަކާއެކު ބޭއްވި މި ބައްދަލުވުމަށް ފަހު ނަޝީދު ވިދާޅުވީ އެމްޑީޕީ އިއްތިހާދުން ގެންގުޅޭނީ ވިޔަފާރިއާ ރަހުމަތްތެރި ސިޔާސަތެއް ކަމަށެވެ. ބައެއް ރިސޯޓްތައް ދޫކޮށްފައިވާ ބައެއް ފަރާތްތަކުގެ ހައްގުތައް މީގެ ކުރިން ގެއްލިފައިވާއިރު ނަޝީދުގެ ސަރުކާރުގައި އެކަމާ މެދު އަމަލުކުރައްވާނީ ކޮން ގޮތަކަށްތޯ ދެންނެވުމުން ވިދާޅުވީ "މިހާރުގެ ސަރުކާރުން ކޮށްފައިވާ ކޮންޓްރެކްޓްގައި ކޮށްފައިވާ ހުރިހާ ސޮޔަކަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން" ކަމަށާއި އެހެން ނަމަވެސް ބޭ އިންސާފުން ކަންކަން ގޮސްފައިވާ ނަމަ ޝަރީއަތުގެ ތެރެއިން އެ ކަންކަމަށް ކޮންމެ ފަރާތަކަށް ވެސް ހައްލު ގެނެވޭނެ ކަމަށެވެ.
އެމްޑީޕީ އިއްތިހާދާއެކު އިއްޔެ ބޭއްވި މި ބައްދަލުވުމަށް ފަހު މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމް.ޔޫ.މަނިކު) ވެސް ނޫސްވެރިންނާ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ހުޅުވާލެވިފައިވާ މާހައުލެއްގައި މައްސަލަތަކާ މެދު ދެ ފަރާތުން ވާހަކަތައް ދެކެވިފައިވާ ކަމަށާއި ޓޫރިޒަމްގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަށް ދެވޭނެ ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ