އާސަންދަ ތައާރަފްކުރި އިރު މަދަނަ އަށް ވީގޮތް އޮޑިޓްކުރަން ޖެހޭ: ޔާމީން

ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭ އާސަންދަ ތައާރްކޮށްފައިވާ އިރު ވޭތުވެދިޔަ ތިން އަހަރު ބޭނުންކުރަމުން އައި މަދަނަ އިިންޝުއަރެންސް ސްކީމަށް ވީގޮތް އޮޑިޓްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.އާޓިފިޝަލްބީޗުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި މި އަހަރަށް ބޮޑު ބަޖެޓެއް ފާސްކޮށްގެން އާސަންދަ ތައާރަފްކޮށް، ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްކުރެވޭނެ ކަމަށް ސަރުކާރުން އިއުލާންކުރުމުން ހުރިހާ ރައްޔިތުން އުފާވި ނަމަވެސް މިދިޔަ އަހަރާ ހަމައަށް ހިދުމަތް ދެމުން އައި މަދަނަ އަށް "ވީގޮތެއް ނޭނގެ" އެވެ."މަދަނައިގައި ވެއްޖެ ރައްޔިތުންގެ 900 މިލިއަން ރުފިޔާ. މަދަނަ އަށް ވީގޮތެއް ނޭނގެ. އެއަށް ވީގޮތް އެނގޭނީ މަދަނަ އޮޑީޓްކުރީމަ. ....އެނގޭ އެއްޗަކީ މަދަނައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލްތަކުގައި ހުރި ފައިސާ ވެސް ހުރީ، އެހެން ތަންތަނުގައި ހުރި ފައިސާ ވެސް ހުރީ. އެކަމަކު މަދަނަ މިހާރު އެ އޮތީ ނެތުމުގެ ތެރެއަށް ފޮނުވާލާފައި،" ޔާމީން ވިދާޅުވި އެވެ.ޕީޕީއެމްގެ ރޭގެ ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. އާސަންދަ ހުރިހާ ރައްޔިތުންނަށް މި އަހަރުގެ އޮގަސްޓްމަހާ ހަމައަށް ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް އަންނަ އަހަރު އެއަށް ވާނެ ގޮތަކާ މެދު ސުވާލުއުފެދޭ ކަމަށް ޔާމީން ވިދާޅުވި އެވެ. މީހަކަށް 100،000ރ. ހުޅުވާލައިގެން މި އިންޝުއަރެންސް ކުރިއަށް ގެންދާއިރު އެއީ ގިނަ އަދަދެއްގެ ފައިސާ ކަމަށާއި އެހެންކަމުން މިހާރު ވެސް ކޮންމެ މަަހަކަށް ރައްޔިތުންގެ ބޭސް ފަރުވާ އަށް ހަރަދުވަނީ ކިހާވަރެއްތޯ އޮޑިޓްކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.އާސަންދައިގެ ހަރަދުތައް ދާގޮތް ބެލުމުގެ އިތުރުން މަދަނަ ސްކީމް ހިންގާފައިވާ ގޮތާއި އެއަށް ވީގޮތް އޮޑިޓްކުރުމަށް ޔާމީން ވަނީ އޮޑިޓަ ޖެނެރަލަށް ގޮވާލައްވައިފަ އެވެ.ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރަކީ "ކުއްލިއަކަށް" ކަންކަން ނިންމާ، "އެއްވެސް ސާބިތުކަމެއް ނެތް" ސަރުކާރެކެވެ. އަދި ގާނޫނުގެ ބާރުވެރިކަން ދެމަހެއްޓުމުގެ ބަދަލުގައި އޭރަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމަމުން އަންނަ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ "އެއްވެސް ބައެއްގެ މަޅީގައި ނުޖެހި" ވަރަށް ސާބިތުކަމާ އެކު ރައްޔިތުންނަށް އުފާވެރި އަހަރުތަކެއް ގެނެސްދޭނެ ޕާޓީއެއް ކަމަށެވެ. ރާއްޖޭގެ ހާލަތަށާއި އިދިކޮޅު ޕާޓީތަކަށް ބަލާއިރު ޕީޕީއެމް ނޫން ހަލެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރޭގެ ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ: އާސަންދައިގެ ޚިދުމަތް ދިނުމުގައި ސަރުކާރުން ވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަަމަށް ވިދާޅުވި. އެ ޖަލްސާގައި ޕީޕީއެމްގެ އިންތިގާލީ ސަރުކާރުގެ ނައިބް ރައީސް އުމަރު ނަސީރު އާސަންދައާ ގުޅޭގޮތުން ވިދާޅުވީ އެ ނިޒާމުން ރައްޔިތުންނަށް ބޭސްކުރަނީ ހިލޭ ކަމަށް ބުނެ ސަރުކާރުން އޮޅުވާލަމުންދާ ކަމަށާއި ހިލޭ ބޭސްފަރުވާކުރަނީ ޖީއެސްޓީގެ ނަމުގައި ރައްޔިތުންގެ އަތުން ބޮޑު އެއްޗެއް ނެގުމަށް ފަހު ކަމަށެވެ."ވެން މަސް ވެނަށް ކާންދެނީ. ކޮންމެ ގެއަަަކަށް ލިބޭ ފައިސާ އިން އެއްޗެއް ގަތީމަ އެ ގަންނަ އެއްޗަކުން ހަ ޕަސެންޓް އަތުލާފައި އެ ފައިސާ ބޭނުންކޮށްގެން ބުނަނީ އެމްޑީޕީ ސަރުކާރުން ބޭސްފަރުވާ ހިލޭ ކުރެވެއޭ. ނޫނެކޭ، އެއީ އެ ގޭގެ މީހުން މަސައްކަތްކޮށްގެން ލިބޭ ފައިސާ އިން އަތުލާ އެއްްޗެހިންނޭ ދެނީ. އެއްގޮތަކަށް ވެސް [ރައީސް] މުހައްމަދު ނަޝީދުގެ ސަރުކާރުންދޭ އެއްޗެއް ނޫން. މިކަހަލަ ކޮންމެ ކަމެއްގައި ވެސް ސަރުކާރުން އޮންނާނީ އޮޅުވާލާފައި،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އުމަރު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން "ދަތިކޮށްފައި ތިބި" އާއިލާތަކުގެ މައްސަލަ ހައްލުކޮށްދީ 2013 ގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ޕީޕީއެމުން ބޮޑުކޮށްދޭނެ އެވެ.ސަރުކާރުން ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރަން އެންގި މައްސަލަ އަށް އަލިއަޅުއްވާލައްވައި އުމަރު ވިދާޅުވީ ޓޫރިޒަމް ފުނޑުފުނޑުކޮށްލާއިރު ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ