ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ހަމަހަމަ އުސޫލެއް ގާއިމް ކުރުމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
މުލީއާގޭ ކައިރި އަށް އެއްވި މައްސަލައިގައި "ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރުމުގެ" ކުށުގައި އަލީ ވަހީދާއި މަހްލޫފްގެ މައްޗަށް ކުރުމަށް ޕީޖީން ހުށަހެޅި ދެ މައްސަލަ އަނބުރާ ގެންދާނެ ކަމަށް އެ އޮފީހުން ވަނީ އިއްޔެ ބުނެފަ އެވެ. އެކަމަކު ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު އެ މައްސަލައިގެ އަޑުއެހުމުގައި ވިދާޅުވީ އެ ދެ މައްސަލަ އަނބުރާ ގެންދަން ޕީޖީ އޮފީހުން އެދިފައި ވަނީ ޝަރީއަތުގެ އަޑުއެހުމަށް ނޯޓިސް ފޮނުވާފައި އޮއްވާ ކަމަށް ވާތީ މިއަދު އަޑުއެހުން ބޭއްވެވީ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޕީޖީގެ ވަކީލު އަބްދުﷲ ނާޝިދު ވިދާޅުވީ މީގެ ކުރިން ވެސް މި ބާވަތުގެ އެތަކެއް މައްސަލަތަކެއް ހިނގާފައިވާ ކަމަށާއި އެކަމަކު އެ މައްސަލަތައް ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމަށް ފުލުހުން ކައިރީ ބުނެފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލައިގައި އިތުރަށް ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ގާއިމް ކުރުމުގެ ގޮތުން މި ވަގުތަށް މައްސަލަ އަނބުރާ ގެންދަނީ ކަމަށް ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމަށް އަލީ ވަހީދުގެ އިތުރުން މަހްލޫފް ވެސް ހާޒިރުވެވަޑައިގަތެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ ކޯޓަށް ހުށަހެޅިފަހުން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މުހަންމަދު ނަޝީދު ވަނީ އެއީ އެ ޕާޓީ ބޭނުންވާ ގޮތް ކަމަށާއި އެ ޕާޓީ މިހާރު އަންނަނީ އެ ދެ ގޮނޑީގެ ބައި އިލެކްޝަނަށް ތައްޔާރުވަމުން ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު ޑީއާރުޕީން ބުނެފައި ވަނީ އެއީ ސިޔާސީ ކަމެއް ކަމަށެވެ.
އަލީ ވަހީދާއި މަހްލޫފްގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިޔައީ ހަމަހަމަ އުސޫލެއް ގާއިމް ކުރުމަށް: ޕީޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ