ބުރާސްފަތި ދުވަހު ހެނދުނު 30: 8 ހާއިރު ޑީއާރުޕީ އޮފީސްތެރޭގައި ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ތާއީދުކުރާ މީހުން އަޑުގަދަ ކުރަމުން ގެންދިޔަ އެވެ. އުމަރުގެ ސަޕޯޓަރުން ގޮވަމުން ދިޔައީ އުމަރު ޕާޓީން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން މަސައްކަތް ކުރަނީ އުމަރު އިންސާފުން ކަންތައް ކުރާތީ ކަމަށެވެ. އަދި އުމަރާ މެދު ތަސްމީން ޖެހިލުން ވަނީ ކަމަށް އެ މީހުން ގެންދިޔައީ ބުނަމުންނެވެ.
"މިހާ ހެނދުނާ ޑިސިޕްލިނަރީ ކޮމެޓީ ބާއްވައިގެން ކުރަން އުޅޭ ކަމަކީ އުމަރު ޕާޓީން ވަކި ކުރުން. މިހާ ހެނދުނާ ކޮމެޓީ ބޭއްވީމަ އެ މީހުން ހީކުރީ އަހަރެމެން އަންހެނުންނަށް ނާދެވޭނެ ކަމަށް. އެހެންވެ ސިއްރު ސިއްރުން އެކަން ކޮށް ނިންމާލަން އުޅުނީ،" ހެނދުނު 30: 8 ހާއިރު ޑީއާރުޕީ އޮފީސްތެރޭގައި އެއްވެ ތިބި އުމަރުގެ ސަޕޯޓަރުންގެ ތެރެއިން މެދު އުމުރުގެ އަންހެނަކު ބުންޏެވެ.
ބުރާސްފަތި ދުވަހު ހެނދުނު އުމަރަށް ސަޕޯޓްކުރާ ވިއްސަކަށް މީހުން ޕާޓީ އޮފީސްތެރެ އަށް ޖަމާވީ އުމަރުގެ މައްސަލަ ބަލާ ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުން 00: 9 ގައި ބާއްވަން ހަމަޖެހިފައި އޮތުމުންނެވެ. އެ މީހުން ބުނަމުން ގެންދިޔައީ ކޮމެޓީން ރާވަނީ އުމަރު ޕާޓީން ވަކި ކުރުމަށް ކަމަށެވެ.
އެހެން ނަމަވެސް ކޮމެޓީގެ ފަސް މެމްބަރުންގެ ތެރެއިން ރައީސް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވަޑައިގެންނެވި ނަމަވެސް ބައްދަލުވުން ކެންސަލް ކުރީ ރައީސަށް ވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ. ބުރާސްފަރި ދުވަހު މެންދުރު 30: 1 ގައި ކުރިން ބާއްވަން އޮތް ބައްދަލުވުން ހެނދުނަށް ބަދަލުވީ ކުއްލި ގޮތަކަށް ކަމަށް ވެ އެވެ.
މި ބައްދަލުވުމަށް ހުރަސް އެޅި މީހުން ޑީއާރުޕީ އޮފީސް ދޮށަށް އެއްވެ އަޑުގަދަކޮށް އަދި ގޮވަމުން ދިޔައީ އުމަރު ޑީއާރުޕީން ވަކިކޮށްގެން ނުވާނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އުމަރު ހުރެގެން މި މީހުން ބޭނުން ކަމެއް ނުކުރެވިދާނެތީ މި އުޅެނީ. ޕާޓީ ރަނގަޅަށް ނުހިންގޭ މިހާރު ވެސް. އިހަށް ދުވަހު ބޭއްވި ޕްރައިމަރީގައި ވެސް މަކަރު ހެދީ. އެކަހަލަ ކަންތައްތަކަށް އުމަރު ޖާގަ ނުދޭނެތީ އޭނާ ބޭރުކޮށްލަން މި އުޅެނީ،" އުމަރުގެ ސަޕޯޓަރަކު ބުންޏެވެ.
އުމަރަށް ތާއީދުކުރާ މީހުންނާއި ތަސްމީންގެ ފަހަތުގައި ތިބޭ މީހުންނާ ދެމެދު ހެނދުނު ކޮންމެވެސް ވަރެއްގެ ޒުވާބެއް ވެސް ހިނގި އެވެ. އެކަމަކު ހަމަނުޖެހުމަކަށް ބަދަލުވުމުގެ ކުރިން އެކަން ވަނީ ހުއްޓުވައިފަ އެވެ.
އުމަރު ވަކިކުރަން އުޅޭ ކަމަށް ބުނާ މައްސަލަ ހޫނުވެ ބުދަ ދުވަހު ވެސް ބަޔަކު ވަނީ ޑީއާރުޕީ އޮފީސް ކައިރިއަށް އެއްވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ޕާޓީ އޮފީސް ކައިރިއަށް އައިސް އަޑުގަދަ ކުރި ގިނަ މީހުންނަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އުމަރުގެ މައްސަލަ ނިންމާނީ ޑިސިޕްލިނަރީ ކޮމެޓީން ކަމަށެވެ.
އުމަރުގެ މައްސަލަ ޕާޓީގެ ކައުންސިލުން ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހު މުޒާހަރާއެއް ނުބޭއްވުމަށް ޕާޓީގެ ލީޑަރު އަންގަވާފައި ވަނިކޮށް އެކަން ކުރެއްވުމަށް އުޅުއްވުމުންނެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގައި ކޮމެޓީން ގޮތެއް ނިންމައިފައެއް ނުވެ އެވެ.
ޑީއާރުޕީން އުމަރު ކަނޑާލަން އުޅޭ ކަމަށް ބުނާ މައްސަލަ ހޫނުވެ ޕާޓީ ބައިބައި ވެފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ