އައިއެމްޑީސީން އައްޑު އަތޮޅުގައި ހުޅުވާ ހޮސްޕިޓަލް: "ހިދުމަތް ނުފެށުނީ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނައުން ލަސްވެގެން"

ސ. ހިތަދޫގައި އަމިއްލަ ފަރާތަކުން ހަދާ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިންމައި މިމަހުގެ ފަހުކޮޅު ހިދުމަތް ދޭން ކުރިން ހަމަޖެއްސި ނަމަވެސް އެކަން އެގޮތަށް ނުވީ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ބޭރުން ގެނައުން ލަސްވެގެން ކަމަށް ހޮސްޕިޓަލުގެ ވެރިފަރާތުން ބުނެފި އެވެ.
ބައިނަލްއަގްވާމީ ފެންވަރަށް ހިދުމަތް ފޯރުކޮށް ދިނުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސިސް ސެންޓަރު (އައިއެމްޑީސީ) އިން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތް ދޭން ފަށަން ބޭނުން ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް އެކުންފުނިން ކުރަމުން އަންނަ އިރު ބޭރުން ގެންނަ ސާމާނު ގެނައުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
ސިމްޑީގެ ހިއްސާ އޮންނަ އައްޑު އަތޮޅުގެ ދެ ބޭފުޅަކު އިސްކޮށް ތިއްބަވައިގެން އިންޑިޔާގެ ޑޮކްޓަރަކާ ވެސް ގުޅިގެން ހިތަދޫގައި ހުޅުވާ ހޮސްޕިޓަލާ ބެހޭ ގޮތުން އޭއެމްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޝާފީ އަބްދުއްރަހީމް ވިދާޅުވީ ހިތަދޫގައި ހަތަރު ބުރިއަށް އިމާރާތްކޮށް އަދި ފުރަތަމަ 20 އެނދަށް ޓާގެޓްކޮށްގެން ހުޅުވާ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެހެންނަމަވެސް އެތަނުގެ ހިދުމަތް ފެށޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.
"ހަގީގަތުގައި މިކޮޅުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ހުރީ ނިމިފައި. ހޮސްޕިޓަލް އިމާރާތުގެ ވެސް 98 ޕަސެންޓް މަސައްކަތް ވަނީ ނިންމާލައިފައި،" ޝާފީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޑޮކްޓަރުންތަކެއް ތަކެތި ހޭންޑް ޕިކް މިކުރަނީ. އެހެންނަމަވެސް އެމަސައްކަތް ނިމިފައި ހުރި ނަމަވެސް ލޮޖިސްޓިކް މައްސަލަތަކެއް ޖެހިގެން ލަސްވެގެން މިއުޅެނީ. ހަގީގަތުގައި ވެސް އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ވެސް މާބޮޑަށް ލަސްވެގެން ގޮސްފައި ވަނީ. މިކޮޅަށް ގެންނަ ކޮންޓޭނާތަކުގެ ތެރޭގައި އެބަ ހިމެނޭ ފަސް ކޮންޓެއިނާ. އެހެންވީމާ އެއެއްޗހިތައް މިކޮޅަށް އައިސްގެން ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންނަށް ހިދުމަތް ފެށޭނީ. މިހާރު ވެސް ބައެއް އިކްޕްމަންޓު ގެނެސް އިންސްޓޯލް ވެސް ކޮށްފައި ހުރީ. އެހެންނަމަވެސް ހުރިހާ އެއްޗެއް ހަމަވަގެން ވަރަށް ރަނގަޅަށް އަޅުގަނޑުމެން ހިދުމަތް ފަށައިގަންނާނީ."
އައިއެމްޑީސީން ބުނިގޮތުގައި ހިތުގެ ބަލިތަކާއި ކައްޓާއި ނާރާއި ކެންސަރާއި ދަތުގެ ބަލިތަކުގެ އިތުރުން ވެސް އަންހެނުންނާއި ކުޑަ ކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް 100 އެނދަށް ޓާގެޓްކޮށްގެން ހަދާ ހޮސްޕިޓަލުގައި އިންޓަނޭޝަނަލް ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއް ވެސް ހެދުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއާ އެއްވަރަށް ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުވެގެން ދާނީ ހިތަދޫން އިތުރު ބިމެއް ހޯދައިގެން އިމާރާތް ކުރާ ބަޔަކާ އެކުގައި ކަމަށް އައިއެމްޑީސީން ބުންޏެވެ. އެކަމަށް ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް އައިއެމްޑީސީން މިހާރު ވަނީ ހުށަހަޅައިފަ އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ މިހިދުމަތް ވަރަށް ފުޅާކޮށް ފޯރުކޮށްދޭން. އެގޮތުން 100 އެނދަށް ޓާގެޓްކޮށްފައިވާތީ އެކަމަށް ބޭނުންވާ ބިން ހޯދުމަށް އަޅުގަނޑުމެން މިހާރު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފައި. ހަގީގަތުގައި މިހާރު އަޅުގަނޑުމެން ކުރިއަށް ގެންދަނީ މިޕްރޮޖެކްޓްގެ ފުރަތަމަ ފޭހުގެ މަސައްކަތް،" ޝާފީ ވިދާޅުވި އެވެ. "އެހެންނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނެތް. އެކަމަކު ޖަވާބެއް ލިބުނު ހާ އަވަހަކަށް ދެން އަޅުގަނޑުމެން މަސައްކަތް ކުރާނީ މިހޮސްޕިޓަލް ފުލް ފުލެޖް ހޮސްޕިޓަލަކަށް ބަދަލު ކުރަން. ހަގީގަތުގައި މިކަމަކީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކުރާ ކަމެއް."
އައްޑޫގައި ހޮސްޕިޓަލެއް ހުޅުވުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ހުއްދަ ދިން އައިއެމްޑީސީން ބުނީ އައްޑޫގައި ހޮސްޕިޓަލެއް ހެދުމަށް އެކުންފުނިން ނިންމީ ރާއްޖޭން ބޭރަށް ނުގޮސް ބަލިތަކަށް ފަރުވާ ހޯދޭނެ ވަސީލަތްތަކެއް ގާއިމުކޮށް އާންމުންނާއި ބިދޭސީންނަށް ވެސް ރާއްޖޭގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އައްޑު އަތޮޅުގައި އަމިއްލަ ފަރާތަކުން ހޮސްޕިޓަލެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު ސަރުކާރުން ވެސް މިއަތޮޅުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. މިހާރު މިއަތޮޅުގައި ހިދުމަތް ދެމުން އަންނަނީ 50 އެނދުގެ ހޮސްޕިޓަލެއްގަ އެވެ. އެހެންނަމަވެސް އެކަށީގެންވާ ގޮތަކަށް ސިއްހީ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ޝަކުވާ ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ