ހަރަދު ކުޑަނުކުރެވެނީ މިދިޔަ އަހަރުގެ އެއްބަސްވުންތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ހުރުމުން: ރައީސް

ސަރުކާރުގެ ހަރަދުތައް ކުޑަނުކުރެވިގެން އުޅެނީ މިދިޔަ އަހަރު ކޮށްފައިވާ އެއްބަސްވުންތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ވެފައި ހުރުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތާ ބެހޭ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ފައިސާ ޗާޕުކުރަން ޖެހެނީ ވެސް ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށާއި، ސަރުކާރުގެ ހަރަދުގެ ތެރެއިން ބޮޑުވެފައިވަނީ 2008 ވަނަ އަހަރުގެ މަޝްރޫއުތަކަށް މި އަހަރު 1.37 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތުމުން ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، ނިމިފައިވާ ޕްރޮޖެކްޓުތަކަކަށް ވެސް 600 މިލިއަން ރުފިޔާވަރު ނުދައްކާ އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
" 2008 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި އެބަހުރި. އޭގެ ތެރެއިން ދައްކާފައި ވަނީ 131 މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
ފިނޭންސް މިނިިސްޓަރު އަލީ ހާޝިމް އާއި ސްޓޭޓް މިނިސްޓަ ފޯ ފިނޭންސް އަހުމަދު އަސްއަދު ވެސް ބައިވެރިވެވަޑައިގަތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާނޫނު އާސާސީގެ 250 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ފަދަ ފިސްކަލް ރިޒާވު ވެސް ރާއްޖޭގައި ގާއިމުވެފައި ނެތް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓް އަހަރަނި ވެފައި ވަނީ އެންމެ ތިން އަހަރެވެ. އެއީ ،2002 2003 އަދި 2004 ވަނަ އަހަރެވެ. އެނޫން ހުރިހާ އަހަރުތަކެއްގައި ލިބުނު އެއްޗަކަށް ވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން ސަރުކާރުން 5.7 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ދާޅުވި ގޮތުގައި މިހާރުގެ މެދު ރާސްތާ ބަޖެޓަށް ބަލާއިރު ބަޖެޓް އަރަނިވެ ފިސްކަލް ރިޒާވެއް ގާއިމުކުރެވޭ ވަރަށް އަންނާނީ 2011 ވަނަ އަހަރުގެ ފަހުންނެވެ.
މިހާރު އޮތް ގޮތުން " 500 މިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ލިބިގެން ނޫނީ ރިޒާވެއް ނުއުފެއްދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނަގަމުން ދާ އަދަދު ބޮޑުވަމުން ދިޔަ ނަމަވެސް ސަރުކާރުން ގެންދަނީ މި އަހަރުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަމުން ކަމަށެވެ.
ޑޮލަރުގެ ތާށިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެކަން ވެސް ހައްލު ކުރެވޭނީ އާމްދަނީ އިތުރުކުރެވިގެން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްއެމްއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އެޅުއްވުމުގައި ގާނޫނީ ގޮތުން ގަވަރުނަރަށް ވެސް ދަތިތަކެއް އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ އިގްތިސާދާއި މާލީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެނޫން ފަރާތްތަކުން ވެސް މައުލޫމާތު އެނގިގެން ވާހަކަ ދެއްކެވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ