ގާސިމް، ތޯރިގަށް: ތި ދައްކަވަނީ ވަރަށް ހުތުރު ވާހަކަ

މި ސަރުކާރު ވެރިކަމަށް އައުމަށް އުފެއްދި ކޯލިޝަން މިހާރު ނެތް ކަމަށާ ކޯލިޝަން އޮތްކަން ދައްކަން ވަކި ބޭފުޅުންތަކެއް ވަޒީރުންގެ ގޮތުގައި ބައިތިއްބާފައިވާ ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު، ގާސިމް އިބްރާހިމް ތޯރިގަށް ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަތީއްސުރެ ތޯރިގް ގެންދެވީ މައުލޫގެ ބޭރުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މި ސަރުކާރުގެ ވަޒީރުންނަށް ނިސްބަތްކޮށް އިހުތިރާމް ކުޑަކޮށް ތަފާތު ވާހަކަތައް ދެއްކެވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަން ސަރުކާރަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ވައުދާއެކުކަން ހަނދާންކޮށްދެއްވާ މިއަދާއި ހަމައަށްވެސް އެކަންކޮށްފައިނުވާ ކަމަށް ވިދާޅުވެ ތޯރިގް ފާޑުވިދާޅުވިއެވެ.
އެ ގާނޫނު މަޖިލީހަށް ހުށައަޅަން ކެރިވަޑައިނުގަންނަވާނަމަ އެކަން ކޮށްދެއްވަން ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ސަރުކާރު ކޯލިޝަން މަޖިލީސް އިންތިހާބާއެކު ނިމިފައިވާ ކަމަށެވެ. ކޯލިޝަން އޮތްކަމަށް ދައްކަން މިހާރު ކުރާ ކަމަކީ ވަކިވަކި ބޭފުޅުންތަކެއް ވަޒީރުކަމުގައި ބޭތިއްބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން މިނިސްޓަރު ކަމުގައި ބެހެއްޓީމަ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ނުނިމޭނެ، ދެން މިގޮތަށް ގޮސް އަޅުގަނޑު ދަންނަވާލަން އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ. ރައީސް މައުމޫންގެ ދަރިފުޅުގެ މިނިސްޓަރުކަން ހިފެހެއްޓީމަ މިވެރިކަން ނުރޫޅޭނޭ."
ތޯރިގް އެހެން ވިދާޅުވުމުން ގާސިމް ވަނީ ނިޒާމީ ނުކުތާއަކަށް އެދިވަޑައިގެންފައެވެ. ރިޔާސަތުން ފުރުސަތު ދެއްވުމުން ގާސިމް ވަނީ ތޯރިގް ބަހުސް ކުރައްވަނީ ހުށައެޅިފައިވާ މައްސަލައަށް ނޫން ކަމަށް ވިދާޅުވެ އެކަން ސަމާލުކަމަށް ގެންނަވާފައެވެ. އަދި މީހުންގެ ޒާތީ ކަންކަމާއި ގުޅޭގޮތުން މެންބަރަކު ވާހަކަ ދައްކަވަމުން ގެންދަވާއިރު ރިޔާސަތުން އެކަން ހުއްޓުވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަނާ ބެހޭގޮތުން ޕީޕީއެމްގެ މެންބަރުންނަށް ވާހަކަ ދެއްކެން ނެތް ކަމަށެވެ. ޕީޕީއެމުންވެސް ކޯލިޝަންގެ ބައިވެރިންނަށް ހެދީ ހިތުހުރި ގޮތެއް ކަމަށް ވިދާޅުވެ، ތޯރިގް ދައްކަވަނީ ވަރަށް ހުތުރު ވާހަކައެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ޕީޕީއެމް ކަންތައްްކުރީ ކިހިނެތްތޯއޭ. ޕީޕީއެމް ސަރުކާރުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކާލަން ހިނގާބަލަށޭ. އެހެންވީމަ ބަލަ، އެއް ބަޔަކާ ދިމާއަށް އެއްޗެއް ކިޔޭކަން ނެތެއްނޫންތޯ ތިމާމެންގެ ފަހަތް އޮތީވެސް ކިހިނެތްތޯވެސް ބަލާލަންޖެހޭނެ އެނގޭތޯ. އަޅުގަނޑު ދެކޭގޮތުގައި ތިޔަ ދައްކަވަނީ ވަރަށް ހުތުރު ވާހަކައެއް، ވަރަށް ހުތުރު ވާހަކައެއް އެނގޭތޯ." މާލެއިން ބޭރުގައި ހުންނެވުމަށްފަހު މިރޭގެ ޖަލްސާއަށް މާލެ ވަޑައިގެންނެވި ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ނިޒާމީ މައްސަލަ ބަލައިގަނެ، އެއްވެސް މީހެއްގެ ޒާތީ ވާހަކަ ނުދެއްކުމަށް މެންބަރު ތޯރިގަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެކަމާއި ގުޅިގެން ތޯރިގް ވަނީ ދެން އެ ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމްގެ އަރިހުންވެސް މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް ފަހުންވެސް އޭނާ ވަނީ ކޯލިޝަންގެ ވާހަކަ ދައްކަވާފައެވެ. އަލުން ނިޒާމީ މައްސަލައެއް ނަންގަވާ ގާސިމް ވަނީ މަޖިލީހަށް ހުށައެޅިފައިވާ މައްސަލައާއި ކޯލިޝަނާއި ގުޅުމެއް ނެތް ކަމަށް ވިދާޅުވެ އެ ވާހަކަތައް އެގޮތަށް ނުދެއްކޭނެ ކަމަށް ވިދާޅުގެ ތޯރިގަށް ރައްދު ދެެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ