ގާސިމް މަސައްކަތް ކުރައްވަނީ ރިޔާސީ ނިޒާމެއްގެ އަސާސްތަކުގެ ދަށުން: ސައުދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ ރިޔާސީ ނިޒާމެއްގެ އަސާސްތަކުގެ ދަށުން އެކަން ހަރުދަނާ ކުރެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ ރިޔާސީ ނިޒާމަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެމްޑީޕީ އަދި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން މިހާރު އެ މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމެއް ގާއިމްކުރެއްވުމަށް ކަމަށެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ވެރިކަން ކުރާ ސަރުކާރަކީ ހަތަރު ޕާޓީއެއް އެކުވެގެން ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާ ސަރުކާރެއް ކަމަށެވެ. އެއީ ގާސިމް އިބްރާހީމާއި، ރައީސް ސޯލިހާއި، އިމްރާން އަބްދުﷲ އާއި، ރައީސް މައުމޫން ހިއްސާވާ ކޯލިޝަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި އެމަނިކުފާނާ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް ކަަމަށް ސައުދު ވިދާޅުވިއެވެ.
އެހެންކަމުން ސައުދު ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކަމަކަށް، ނުވަތަ ވިދާޅުވާ އެއްޗަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފާޑުވިދާޅުވުމަކީ ކޯލިޝަން ސަރުކާރަށް ފާޑުވިދާޅުވުން ނޫން ކަަމަށެވެ.
އަދި ގާސިމް އިބްރާހީމަކީ މާމިގިލީ ދާއިރާގެ މެމްބަރު ކަމަށާއި، އެފަދަ ކަންކަމާ ބަސްވިދާޅުވުމުގެ ހައްގު އެމަނިކުފާނަށް ލިބިގެންވާ ކަމަށް ސައުދު ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރަކީ އެމްޑީޕީ ކަމަށް ބުނެ މިކަންކަން އޮޅުވާލަމުންދާ ކަމަށާއި އެއީ ބޮޑު ގޯހެއް ކަމަށް ސައުދު ވިދާޅުވިއެވެ. ސަރުކާރާ ނުތޮޅެތިބެ މިކަންކަން ދެނެގަތުމަށް ސައުދު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރަށް ސައުދު ވިދާޅުވީ 2008، 2013 އަދި 2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ރައީސުންވެސް ގޮނޑިއަށް ވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމްގެ އެހީތެރިކަމާއެކު، އެމަނިކުފާނުގެ ކޮނޑުފުޅު މަތިން ކަަމަށެވެ. އެހެންކަމުން ފާޑުކިޔަންވެސް، ނަސޭހަތްދޭންވެސް ހުންނެވީ ހަމަ އެމަނިކުފާނު ކަމަށް ސައުދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވާ ފާޑުވިދާޅުވުންތަކަކީ ސަރުކާރާ ގުޅުންހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ ޖޭޕީގެ ނާއިބުރައީސް ސައުދު ޓުވީޓު ކުރައްވާފައި މިވަނީ ރައީސް ނަޝީދަށް ގާސިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި ވެސް ޖޭޕީއަށާއި ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ކުރީގެ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރެއްވި އިސް ގިނަ ބޭފުޅުންތަކެއް ޖޭޕީއާ ގުޅިވަޑައިގަތުމުން ވެސް އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުންތައް ވަަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ