މިވަގުތު ސްރީލަންކާގައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، އެގައުމުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ، ދިވެހިންނާއި ބައްދަލުކޮށް އެ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައިވާކަމަށެވެ. އަދި ދިވެހިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރެއްވެންހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ.
ދިވެހިންގެ އެތައްހާސް ބަޔަކު ދިރިއުޅޭ ލަންކާގައި، ރައީސް މައުމޫން ދިވެހިންނާއި ބައްދަލުކުރައްވާފައިވަނީ މައުންޓުލެވީނިއާގައެވެ. ރައީސް މައުމޫން ލަންކާއަށް ވަޑައިގެންފައިވަނީ އަމިއްލަފުޅު ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް މައުމޫންގެ މި ދަތުރުފުޅަށްފަހު ފެށޭ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އޭޕްރީލްމަހުގެ 21ވަނަ ދުވަހު ލަންކާގައި ދެވުނު އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި އެ ގައުމުގައި ދިރިއުޅެމުންދިޔަ އެހެނެ ގައުމުތަކުގެ ރައްޔިތުންނަށް ބޮމުގެ ހަމަލާގެ ކުރިން ލިބެމުންދިޔަ އެތައް ލުއިތަކެއް މިހާރު ވަނީ ހިފަހައްޓާފައެވެ.
ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށްވެސް އެކަމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވާއިރު، ބައެއް ދިވެހިން ވަނީ ލަންކާ ދޫކޮށް ރާއްޖެއަށް ބަދަލުވެސްވެފައެވެ. އަދި އަނެއް ބަޔަކު ވަނީ ލަންކާ ދޫކޮށް މެލޭޝިޔާފަދަ ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީބާރުތަކުން ހިންގި ވަރުގަދަ އޮޕަރޭޝަންގައި ބައެއް ދިވެހިންވެސް ވަނީ ހައްޔަރުކޮށްފައެވެ. ބައެއް މީހުން ވަަރަށް ގިނަ ދުވަަސްވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވެސްވެއެވެ. ނަމަވެސް އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާއާއި ގުޅިގެން މިވަގުތު އެއްވެސް ދިވެއްސަކު ލަންކާގެ ސަލާމަތީ ބާރުތަކުގެ ދަށުގައެއް ނުވެއެވެ.
ރައީސް މައުމޫން، ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ