އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމްގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ މިމައްސަލާގައި މިއަދު ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ.
މިމައްސަލާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަން އިއުލާންކުރައްވާފަ އެވެ. އެހެންކަމުން މިމައްސަލާގައި މިއަދު ހުކުމް ކުރާނެ އެވެ.
ދަށު ކޯޓުން އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ބާތިލްކުރަންޖެހޭ 12 ކަމެއް އިމްރާންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އިމްރާންގެ މައްޗަށް ދައުވާ އުފުލާ ހުކުމް ކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނުގައި ނެތް ކުށެެއްގެ މައްޗަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް އިމްރާންގެ މައްޗަށް ކުށް ސާބިތުކޮށްފައި ނުވާ ކަމަށްވެސް ނޫރުއްސަލާމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ނޫރުއްސަލާމަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އިމްރާންގެ މައްޗަށް ދަށު ކޯޓުގައި ހުކުމްކޮށްފައިވަނީ މައްސަލަ ސާބިތުކުރުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ގާނޫނާއި އެއްގޮތަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްވުމާ ގުޅިގެން ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޝައިހް އިމްރާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން އިމްރާންގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އިމްރާންގެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޝައިހް އިމްރާން މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނުނިންމަނީސް އިމްރާންގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދާ ހަމައަށްވެސް ބާތިލްކޮށްފައެއް ނުވެ އެވެ.
އެހެންކަމުން ބައެއް ފަރާތްތަކުން ގެންދަނީ އިމްރާނަށް ވަޒީރުކަން ކުރެއްވިދާނެ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. މިސުވާލު އުފައްދަވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވެސް ހިމެނެ އެވެ.
ވަޒީރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ށ)ގެ ދެވަނަ އަކުރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވާންޖެހޭނެ ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާންގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ