ސްކޫލް ކުޅިވަރު ހަރަކާތްތަކަށް ބަދަލެއް ބޭނުންވޭ!

ރާއްޖޭގެ ހުނަރުވެރި ގިނަ ކުޅުންތެރިން ވިދަން ފެށީ ސްކޫލް ޖާޒީގަ އެވެ. މަޖީދިއްޔާ ސްކޫލަކީ 70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގެ ކްރިކެޓް އެކަޑަމީ އެކެވެ. އެމްއީއެސްގެ ވޮލީބޯޅަ ޓީމުން ދިވެހި ވޮލީ ކޯޓަށް ހުނަރުވެރި ކުޅުންތެރިން ނެރެދިނެވެ. ގައުމީ ފުޓްބޯޅަ ޓީމުގައި 2000ގެ އަހަރުތަކުގައި ވިދާލި ބައެއް ކުޅުންތެރިންނަކީ އަމީރު އަހުމަދު ސްކޫލުން ފާހަގަވި ކުޅުންތެރިންނެވެ. މަޝްހޫރު ގިނަ ކުޅުންތެރިންގެ ފުރަތަމަ ކޯޗަކީ، ސްކޫލުގެ ސްޕޯޓްސް ސުވަޕައިޒަރެވެ. ސްރީ ލަންކާގެ ސުމިތު ވަލަޕޮލާ އިން ފެށިގެން ހަމްދުﷲ ފެނާންޑޯ އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ލިރުގާމް ސައީދު (ލަރޭ) ވަނީ ސްކޫލްތަކުން އެތައް ކުޅުންތެރިންނެއް އުފައްދައިފަ އެވެ. ރާއްޖޭގައި ޕްރޮފެޝަނަލް އެކަޑަމީތަކެއް ނެތްއިރު، ސްކޫލްތަކަކީ ކުދިންގެ ހުނަރު ދެނެގަނެ ތަމްރީންކޮށް މަތީ ފެންވަރުގެ ކުޅުންތެރިންނަށް ބަދަލުކުރާ ނާސަރީ އެވެ.
އެހެންކަމުން، ސްކޫލްތަކުގެ ކުޅިވަރު އޮނިގަނޑުގައި މައްސަލަތަކެއް އުޅޭ ނަމަ އޭގެ ނުރަނގަޅު އަސަރު ސީދާ ގޮތުން ކުޅިވަރަށް ކުރާނެ އެވެ. ސްކޫލްތަކުގައި ކުޅިވަރުގެ ހަރަކާތްތައް ހިންގަނީ އެންމެ ރަނގަޅަށް ނޫންކަމުގެ އަޑު އަންނަނީ ފަހަކަށް އައިސް ގަދަވަމުންނެވެ. މައްސަލަތަކަކީ ކޮބާ ހެއްޔެވެ؟
އެތުލެޓިކްސް އާއި ސްވިމިން ފިޔަވައި އެހެން ގިނަ ކުޅިވަރުތަކެއްގެ އިންޓަ ސްކޫލް މުބާރާތްތައް ބާއްވަނީ އެއް ފަހަރާ އެވެ. އޭގެ ސަބަބުން ޖޫނިއާ ލެވެލްގައި ވެސް ކުދިންނަށް މަޖުބޫރުވަނީ ކޮންމެވެސް އެއް ކުޅިވަރެއް ހިޔާރުކުރާށެވެ. އެއް މަސް ދުވަހުގެ ތެރޭގައި ސްކޫލުގެ ކުޅިވަރު އިވެންޓްތައް ނިމެނެ އެވެ. އިންޓަ ސްކޫލުގައި ވާދަކުރުމުގެ ފުރުސަތު އެންމެ މޮޅު ކުޅުންތެރިންނަށް ލިބޭއިރު، މެދުފަންތީގެ ކުޅުންތެރިންނަށް ވާދަކޮށްލާނެ މުބާރާތްތަކެއް ގިނަ ސްކޫލްތަކެއްގައި ނޯވެ އެވެ. ސްކޫލް މާހައުލުގެ ތެރެއިން މުސްތަގުބަލުގެ ކޯޗުންނާއި މެނޭޖަރުން އުފެދޭނެ މާހައުލެއް ނެތެވެ.
ސްކޫލް ދައުރުގައި ހާއްސަކޮށް ޖޫނިއާ ލެވެލްގައި ކުދިންނަށް ވީހާ ވެސް ގިނަ ކުޅިވަރެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން މުހިއްމެވެ. ބައިނަލްއަގްވާމީ މިންގަނޑުން ބަލާއިރު ވެސް އޮންނަނީ 14 އަހަރާ ހަމަޔަށް ވީހާ ވެސް ގިނަ ކުޅިވަރެއްގައި ބައިވެރިވުމެވެ. އެއަށް ފަހު އުމުރުން 15 އަހަރު ވުމުން އޭނާ ކުރިއަށްދާނެ ކުޅިވަރެއް ނިންމުމެވެ. އަދި މުޅި އަހަރު ތެރޭގައި އިމްތިހާންތަކަށް ހުރަސް ނޭޅޭނެ ގޮތަށް، ވީހާ ވެސް ގިނައިން ކުޅިވަރު ކުޅެ، ހުނަރު ތަރައްގީކުރުމެވެ.
އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި މަޖީދިއްޔާ ސްކޫލާއި ގާޒީ ސްކޫލް ކުޅެނީ. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް އެމްވީ)
"އޭޕްރިލް މަހު ހުރިހާ މުބާރާތެއް ނިމޭނެ. މި އަހަރު ވެސް ނެޓްބޯޅަ އާއި ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ ނިމިއްޖެ އޭޕްރިލް މަހު. މާނައަކީ އަހަރުގެ ބާކީބައިގައި ކުދިންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ގެއްލުން. ދެން ފައިސާ ހުރި ބެލެނެވެރިންނަށް ކޮންމެވެސް އެކަޑަމީއަކަށް ކުއްޖާ ފޮނުވިދާނެ. އެހެން ކުދިންނަށް ދެން ކުޅިވަރެއްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ. އެ ކުއްޖާއަށް މުޅި އަހަރަށް ސްޕޯޓްސް ހަރަކާތްތައް ބަންދުވީ،" އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވި އެވެ.
މަރުޒޫގު ވިދާޅުވީ، ކުރީގައި ނަމަ ފެބްރުއަރީ މަހު އިންޓަ ކްލާސް ބޭއްވުމަށް ފަހު އޭޕްރިލް މަހު އިންޓަ ސްކޫލް މުބާރާތް ބާއްވައި އޭގެ ފަހުން ސެޕްޓެމްބަރު ހިސާބުގައި ބާއްވަނީ އިންޓަ ސްކޫލް ކަމަށެވެ. އޭގެ ސަބަބުން މުޅި އަހަރުގެ ތެރޭގައި، ކުޅުންތެރިންގެ ހުނަރު ތަރައްގީކުރަން، ތަމްރީން ހެދުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
"އެކަމަކު މިހާރު އެއާ ހިލާފު. އިންޓަ ސްކޫލް މުބާރާތް ވެސް މި އޮންނަނީ މާބޮޑަށް ވާދަވެރިވެފައި. މުބާރާތަށް ދެ ހަފުތާއަށް ވުމުން ކޯޗެއް ގެނެސް ސީދާ ތަށްޓަށް މިހިފަނީ. އޭގެ ސަބަބުން ސްކިލް ޑިވެލޮޕްކުރަން ހުރަސް އެޅިގެންދޭ. ދެން އެ ކުއްޖާ ބޮޑުވެގެން ކޮންމެވެސް ކްލަބާ ގުޅޭ ހިސާބުން މި ޖެހެނީ ސްކިލް ޑިވެލޮޕްކުރަން. އެކަމަކު އެއީ ސްކޫލް ދައުރުގައި ނިމިފައި އޮންނަން ޖެހޭނެ ކަމެއް،" މަރުޒޫގު ވިދާޅުވި އެވެ.
ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އަތުގައި އެތުލެޓިކްސްގެ ހައި ޖައިމްޕް ރެކޯޑެއް ފަހަކާ ޖެހެންދެއް އޮތެވެ. ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު އަތުގައި އަދިވެސް އެތުލެޓިކްސްގެ ރެކޯޑެއް އޮވެ އެވެ. އަަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އަހުމަދު ނާއިލަކީ ފެތުމުގެ ވެސް ހުނަރުވެރިއެކެވެ. އަދި ބާސްކެޓްބޯޅައިގެ ވެސް ތަރިއެކެވެ.
ރާޢްޖޭގެ އެންމެ އުއްމީދީ އެއް ދުވުންތެރިޔާ މުހައްމަދު ނާއިލް.-- ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް.އެމްވީ
"މިސާލަކަށް ނާއިލް ބަލަންޏާ، އޭނާ ވެސް މި ހުރިހާ ކުޅިވަރެއްގައި ވާދަކުރަމުން އައީ. އެކަމަކު އުމުރުން 15 އަހަރު ވީ ފަހުން، އަޅުގަނޑު ގާތު ބުނީ ތިމަންނަ ކުރިއަށްދާނީ އެތުލެޓިކްސް އިންނޭ. އެ އުސޫލުން ސްކޫލް ދައުރުގައި އެބަޖެހޭ ވީހާ ވެސް ގިނަ ކުޅިވަރުގައި ކުރިއަށްދާން ފުރުސަތު ދޭން. އެކަމަކު މިހާރު ސްކޫލް މުބާރާތްތައް ރޭވިފައި އޮންނަ ގޮތުން، އެ ފުރުސަތު އެބަ ގެއްލޭ،" މަރުޒޫގު ވިދާޅުވި އެވެ.
އިންޓަ ސްކޫލް މުބާރާތް ވާދަވެރިވުން މުހިއްމެވެ. ކުދިން ވާދަވެރި މާހައުލަކަށް ތައްޔާރުކުރަން ޖެހެ އެވެ. އެކަމަކު 11 އަހަރުން ދަށް ފަދަ އެންމެ ޖޫނިއާ ލެވެލްގައި އެވަރަށް ވާދަވެރިކަން ބޭއްވުމުގެ ގެއްލުން އެބައޮތެވެ. ހަމައެކަނި ތަށި ހޯދަން ކޯޗުން ގެނައުމަށް ވުރެ ކުދިންގެ ހުނަރު ދެނެގަނެ ތަރައްގީކުރުން ވަރަށް މުހިއްމެވެ.
އެތުލެޓިކްސް އަދި ސްވިމިންގެ ގައުމީ މުބާރާތުގައި ވެސް ސްކޫލް ދަރިވަރުންނަށް ވާދަކުރުމުގެ ފުރުސަތު އޮންނާނީ، އެ ކުޅިވަރުތަކުގައި ވާދަކުރާ ކުދިންނަށް އަހަރެއްގެ ތެރޭގައި މަތީ ފެންވަރުގެ ދޭއް ނުވަތަ ތިން މުބާރާތުން ފުރުސަތު ލިބެ އެވެ. އެކަމަކު އެހެން ކުޅިވަރުތައް ހާއްސަކޮށް ޓީމް ކުޅިވަރުތަކުގައި އުޅޭ ކުދިންނަށް ލިބެނީ މަދު ފުރުސަތެކެވެ.
މުބާރާތްތައް އެއް ފަހަރާ ބާއްވަނީ ގިނަ ފަހަރަށް އެސޯސިއޭޝަންތަކަށް ވެސް އިތުރު ގޮތެއް ނެތިގެންނެވެ. އެސޯސިއޭޝަންތަކުގައި ވެސް ތިބެނީ މަދު އަދަދެއްގެ މުއައްޒަފުންނަށް ވެފައި، ރަސްމީ ކަލަންޑަރުން ލިބޭ ހުސް ޖާގައިގެ ތެރޭގައި އިންޓަ ސްކޫލް ބާއްވަން ޖެހޭތީ، މާބޮޑު ބަދަލުތަކެއް ގެނެވެން ނޯވެ އެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުޅިވަރަކީ ބޭކާރުކަމެއް ނޫންކަން. ކުޅިވަރުގެ ތެރެއިން ކުދިން މޯޓިވޭޓްކުރަން ވެސް ފަސޭހަވާނެ. ކުޅިވަރުގެ ތެރެއިން ކުދިންގެ ޑިސިޕްލިން ވެސް ރަނގަޅުކުރެވޭނެ. އަނެއްކާ ކުޅިވަރުގެ ސަބަބުން ކުދިން ދުޅަހެޔޮ ސިއްހަތެއް ހޯދައިދެވޭ. ކުޅިވަރުގެ ހަރަކާތްތައް އިތުރުކުރުމުން ކިޔެވުމަށް ހުރަހެއް ނޭޅޭނެ. ތައުލީމީ މޮޅު ދަރިވަރުން އުފެއްދުމާ އެއްވަރަށް، ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ތެރެއިން، މުސްތަގުބަލަށް މީހުން އުފެއްދުމަކީ ވެސް ސްކޫލްތަކުގެ ޒިންމާއެއް،"
"ހަގީގަތުގައި އެސޯސިއޭޝަންތަކުގެ ވެސް ފޯލްޓެއް ނޫން މިއީ. ރިސޯސަސް އެވަރަށް ނުހުންނަނީ. ރަސްމީ ކަލަންޑަރުން ލިބޭ ހުސް ދުވަސްތަކުގައި މުބާރާތް ބާއްވަން ޖެހޭ. ސްކޫލްތަކުގެ އެގްޒާމާއި މި ހުރިހާ ކަމަކަށް ބަލާފައި، ކިރިޔާ ލިބޭ ވަގުތަކު ބާއްވަން ޖެހެނީ،" ބާސްކެޓްބޯޅަ އެސޯސިއޭޝަނާ ވެސް ގާތުން މަސައްކަތްކުރަމުން އަންނަ، އިމާދުއްދީން ސްކޫލުގެ ސްޕޯޓްސް ސުވަޕަވައިޒަރު މުހައްމަދު ވަހީދު (މޯޑް) ބުންޏެވެ.
އެކަމަކު އޭނާ ވެސް ބުނީ، އުއްމީދަކީ، ދޭތެރެ ދުރުކޮށް އިންޓަ ސްކޫލް މުބާރާތްތައް ބޭއްވުން ކަމަށާއި އެއް ފަހަރާ އޮތުމުން ދޭން ވާން ސަމާލުކަން ނުދެވޭ ކަމަށެވެ. ސްކޫލްތަކުގައި ވެސް މަދު އަދަދަކަށް މުއައްޒަފުން ތިބޭއިރު އެއް ފަހަރާ މުބާރާތްތަކެއް އޮތުމުން ގިނަ ފަހަރަށް ފޯކަސްކުރެވޭނީ އެކެއް ނުވަތަ ދެ މުބާރާތަށްކަން އޭނާ ފާހަގަކުރި އެވެ.
"އަނެއްކާ ޕްރެކްޓިސް ކުރަން ވެސް ވަގުތެއް ނުލިބޭ. މަދުވެގެން 15 ވަރަކަށް ދުވަހުގެ ބްރޭކެއް ލިބޭ ނަމަ ވެސް ރަނގަޅަށް ފުރިހަމަވީސް،" ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް އިންތިޒާމްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބް ރައީސް އަހުމަދު އިސްމާއިލް ވިދާޅުވީ މައްސަލައަކީ، ސްކޫލް ދައުރުގައި ވާދަކުރަން ހަމައެކަނި އިންޓަ ސްކޫލް މުބާރާތް އޮތުން ކަމަށާއި އޭގެ ބަދަލުގައި ސްކޫލް ތެރޭގައި އިތުރު މުބާރާތްތައް ބާއްވައި، އަދި ސްކޫލްތަކުގައި ކުޅިވަރު ކްލަބްތައް އުފެއްދުމުން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.
ލާލޭ ސްކޫލުގައި ދަރިވަރުންގެ ޕްލޭގްރައުންޑް. -- ފޮޓޯ/ ލާލޭ ސްކޫލު
"އިންޓަ ސްކޫލް މުބާރާތުގައި ވާދަކުރާ ޓީމަށް މި ނަގަނީ 16 ވަރަކަށް ކުދިން. ދެ މަހެއްހާ ދުވަހު އެ ކުދިންނަށް ޕްރެކްޓިސް ކުރެވޭނެ. ދެން (ގިނަ ސްކޫލްތަކެއްގައި) އިތުރު މުބާރާތެއް ނޯންނާނެ. ސްކޫލް ޓީމަށް ނާރާ ކުދިންނަށް ކުޅުމުގެ ފުރުސަތެއް ނުލިބޭ. އެހެންވެ އެބަޖެހޭ އިންޓަ ހައުސް މުބާރާތް ފުޅާކޮށް ބާއްވަން. އެ މުބާރާތަށް އެސޯސިއޭޝަންތަކުން އެހީތެރިކަން ދޭން ޖެހޭ. އެ މުބާރާތުގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ހުނަރު ފާހަގަވާނެ. އޭގެ ތެރެއިން ހޮވާލެވޭ ކުދިން އިންޓަ ސްކޫލުގައި ބައިވެރިވާނެ،" އަހުމަދު ވިދާޅުވި އެވެ.
ސްކޫލްތަކުގައި ކުޅިވަރު ކްލަބްތައް ތައާރަފްކުރުން
ގިނަ ސްކޫލްތަކުގައި ދިވެހި ކްލަބާއި ސައިންސް ކްލަބުގެ އިތުރުން ތިމާވެށި ކްލަބް އޮވެ ތަފާތު ހަރަކާތްތައް ހިންގަ އެވެ. އަހުމަދު ވިދާޅުވީ އެ މޮޑެލަށް ކުޅިވަރު ކްލަބްތައް ވެސް ސްކޫލްތަކުގައި އުފައްދަން ޖެހޭ ކަމަށެވެ. އަދި އެ ކްލަބްތައް މެދުވެރިކޮށް އިންޓަ ހައުސް މުބާރާތްތަކާއި ކުޅިވަރު ތަފާތު ހަރަކާތްތައް ރޭވުމުން، ސްކޫލް ޓީޗަރުންނާއި ސްޕޯޓްސް ސުވަވައިޒަރުންނަށް ވެސް ލުއިތަކެއް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ކުޅިވަރުގެ އެކި ދާއިރާތަކަށް މީހުން އުފެދުން. މިސާލަކަށް މޮޅަށް ނުކުޅޭ ކުއްޖާއަށް އޮންނާނެ ކްލަބް ހިންގުމުގެ ތެރެއަށް ދާން. އޭރުން އެ އުފެދެނީ ކުޅިވަރު ހިންގާނެ މީހަކު. ހަމައެގޮތަށް ކޯޗުން ވެސް އުފެދޭނެ،" އަހުމަދު ވިދާޅުވި އެވެ.
އެގޮތަށް އުފައްދާ ކްލަބްތަކުން، މުޅި އަހަރަށް ބަހާލައިގެން ކުޅިވަރު ހަރަކާތްތައް ރާވައި އެހެން ސްކޫލްތަކުގެ ޓީމުތަކާ މެޗުތައް ރޭވުމުން އަހަރުގެ ތެރޭގައި ކުދިންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލްވެވެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ދަރިވަރަކު ވާދަކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
"ކޮންމެ ކުޅިވަރަކަށް ކްލަބެއް އުފައްދައި، ސްކޫލުގެ ދަރިވަރުން އޭގެ ތެރެއިން ކޮންމެވެސް އެއް ކްލަބަކާ ގުޅޭނެ. އޭރުން، ވިޔާނުދާ އަމަލުތަކާ ދުރުވެ، މީގެ ތެރޭގައި ޝާމިލްވާނެ. އޭގެ ތެރެއިން ކުޅުންތެރިންނާއި ހިންގުންތެރިންނާއި ކޯޗުން އުފެދޭނެ،" އަހުމަދު ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ސްކޫލްތަކުގައި، ގިނަ ފަހަރަށް ޓީމުތަކުގެ ޕްރެކްޓިސް ރޭވުމާއި މިފަދަ ބައެއް ކަންކަން ކުރަނީ، އެކަމަށް ލޯބި ހުންނަ ދަރިވަރުން އަމިއްލަ އަށް އިސްނަގައިގެންނެވެ. ސްކޫލުގައި އެކަމާ އުޅޭނެ ޓީޗަރަކު ނުވަތަ ސުޕަވައިޒަރު ނެތިގެން، އެ ކުޅިވަރެއް ދުކުޅެ ދޫކޮށްލަން ދަރިވަރުން ބޭނުމެއް ނުވެ އެވެ. މިފަދަ ކްލަބްތައް އުފެދިއްޖެ ނަމަ، އެކަމަށް ހައްލެއް އަންނާނެ އެވެ. ރަސްމީ އޮނިގަނޑެއްގެ ތެރެއިން ކުޅިވަރުގެ ކަންކަން ރޭވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ އެވެ.
ރާއްޖޭގެ ކުޅިވަރު ހިންގުމުގައި މިހާރު އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންނަކީ މަރުހޫމް ޒާހިރު ނަސީރުގެ ދަރިވަރުންނެވެ. އެމަނިކުފާނުގެ ދުވަސްވަރުގައި، ސްކޫލް ނުވަތަ ޖޫނިއާ ޓީމުތަކުން އުފެދެއްވީ ހަމައެކަނި ކުޅުންތެރިންނެއް ނޫނެވެ. ހިންގުމާއި ކޯޗިން ފަދަ ބައެއް ދާއިރާތަކަށް ވެސް ޖޫނިއާ ލެވެލްގައި ކުދިން ތައްޔާރުކުރެއްވި އެވެ. އޭގެ ފައިދާ މިއަދު ފެންނަމުން އަންނައިރު އެކަމުން މިސާލު ނަގަން ޖެހެ އެވެ.
ސްކޫލް މުބާރާތްތައް މިދޭތެެރެއިން މެދުކެނޑުމުން، އެކަމުގެ ސީދާ އަސަރު ކުޅިވަރަށް ކުރި އެވެ. ކުޅުންތެރިން އުފެދުން މަދުވި އެވެ. ސްކޫލް ކުޅިވަރާ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނާ މިއޮތީ ސީދާ ގޮތުން ގުޅިފަ އެވެ. ސްކޫލް ކުޅިވަރުގެ އޮނިގަނޑަށް ގެން ކޮންމެ ހެޔޮ ބަދަލެއްގެ ރަނގަޅު އަސަރު ރާއްޖޭގެ ގައުމީ ޓީމްތަކަށް ފޯރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ