ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު އޮންނާނެ - ފުއާދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް މަސައްކަތްކުރަމުން ގެންދަނީ ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށާއި ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.
"ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އެބައޮވޭ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާތާ 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރު ބާއްވަން ޖެހޭނެ ކަމަށް، އެހެންވީމަ އެދުވަހަކީ 28 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަސް، އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން މިގެންދަނީ." ފުއާދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރަން އަމުރު ނެރެފައިވާތީ އެކަމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ ކުރިން ނިންމަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ގާނޫނު އަސާސީ އާއި ތައާރަޒުވާ އެއްވެސް ކަމެއް ކޯޓުން ނުކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދެކެނީ ސުޕްރީމް ކޯޓުގެ އަމުރު ބަދަލުކުރައްވާނެ ކަމަށް، އެއީ ގާނޫނު އަސާސީ އާއި ތައާރަޒްވާ އެއްވެސް ކަމެއް އެއްވެސް މުއައްސަސާއަކަށް ކުރުމުގެ ބާރެއް ލިބިފައެއް ނުވާނެ، އެހެންވީމަ ހުރިހާ މުއައްސަސާތަކެއް ވެސް އެކުލެވިފައިވަނީ ގާނޫނު އަސާސީގެ ދަށުން އެހެންވީމަ އެކަން ހަމަޖެހޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަނީ." ފުއާދު ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ކުރިން ސުޕްރީމް ކޯޓުން އަމުރެއް ނުނެރެފިނަމަ އިންތިހާބު ބާއްވަންތޯ ސުވާލުކުރުމުން ފުއާދު ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށްވުރެ ވަރުގަދަ އަމުރެއް ނެރެވޭނެ އެއްވެސް މުއައްސަސާއެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށެވެ.
"2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ސުޕްރީމް ކޯޓުގައި އޮތް ގަޒިއްޔާއެއްގައި، ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ މުއްދަތުގައި ލާޒިމްކުރާ ކަންތައްތައް އެ މުއްދަތުގެ ތެރޭގައި ކުރުމަށް، އިސްތިސްނާވާނީ ހަމައެކަނި އިންސާނީ ބާރު ނުފޯރާފަދަ ގުދުރަތީ ބޮޑެތި ހާދިސާތަކާއި ނުވަތަ ހަނގުރާމަވެރި ހާލަތްތައް މެދުވެރިވާ އިރެއްގައި އެކަނި ކަމަށް. އެއީ ސުޕްރީމް ކޯޓުން ވަރަށް ރަނގަޅަށް ނިންމަވާފައިވާ ގަޒިއްޔާއެއް." ފުއާދު ވިދާޅުވި އެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވާނެ ކަމަށާއި އިންތިހާބު ބާއްވާނީ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމާއި ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެ އެ ނިންމުމަށް ހުރަސް ނޭޅުއްވުމަށް ދަންނަވާފައެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ އެމައްސަލައިގައި ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ