ސިފައިންގެ ޝަރަފުގެ ހިނގާލުމުން މިއަދު ހަވީރު ކުޅުދުއްފުށީގައި

އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތް މިއަދު ކުޅުދުއްފުށީގައި އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. މި ހަރަކާތްތަކީ ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ކުރިއަށް ގެންދިއުމަށް ހަމަޖެހުނު ހަރަކާތްތެކެވެ.
މި ހަރަކާތް ކުޅުދުއްފުށީގެ އިތުރުން އިހަވަންދޫ އަދި ދިއްދޫގައިވެސް ކުރިއަށްދާނެ އެވެ. މީގެ ކުރިން ޝަރަފްގެ ހިނގާލުން އޮންނަނީ މާލެ ސަރަހައްދުގައި އެވެ. މިއީ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޝަރަފުވެރި ހިނގާލުމެވެ.
މިއަދު ހަވީރު ހަތަރު ޖަހާއިރު މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ކުރިމަތިންނެވެ. ހިނގާލުމުގައި 5 ތަނަކަށް ހުއްޓާ ބޭންޑް މިއުޒިކްވެސް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަަތަމަ ހުއްޓާނީ ސްޓޭޓް ހައުސް ކުރިމަތިނެވެ. އެއަށްފަހު ހުކުރު މިސްކިތް ކަންމައްޗަށް އަދި ހދ އޭއީސީ ކުރި މައްޗަށް ހުއްޓުމަށް ވަނީ ނިންމާފައެވެ. އޭއީސީ ކައިރީ އަނބުރާލައިގެން ދެން ހިނގާލުން ކުރިއަށް ގެންދާނީ އަމީނީމަގުން ދެކުނަށެވެ.
އެއަށްފަހު ހިނގާލުން ދެން ހުއްޓަން ނިންމާފައިވަނީ އުނިމާ ގޯޅިއަށެވެ. އެގޯޅިން ދެން ބަންޑަރަ މަގަށް ނުކުމެ ފަހު ތަނަކަށް ހުއްޓާނީ މިތުރު ފިހާރަ ކުރިމައްޗަށެވެ. އެއަށްފަހު ހިނގާލުން ނިންމާލާނީ ސިފައިންގެ ކުރިމައްޗަށެވެ. ހަވާއެރުވުމުގެ ހަރަކާތް ފަށާނީ މިރޭ 8 ޖަހާއިރު ވެލިގަނޑު ސަރަހައްދުންނެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އިއްޔެ ވަނީ ކޯހުގެ ދަސްވެނިވުން ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްްމަދު ދީދީއެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ