ސިޔާސީ ފިކުރު ތަފާތުވެ އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެހެން މީހުންގެ ހިތުގައިޖެހޭ ގޮތަށް ބަސްބުނެ ހެދުމަކީ ވެސްކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ފ. ފީއަލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ލީޑަރުން ރަށްރަށަށް ވަޑައިގަތުމުން ނޭދެވޭ އަމަލުތަކާއި އަޑުތައް އިވެމުންދިޔަ ނަމަވެސް މިއަދު އެމަންޒަރު ބަދަލުވަމުން އަންނަ ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ޅަފަތުގައި އަދިއޮތް ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިވެ ފައްކާވަމުން އަންނަ ކަމަށާއި އެއުސޫލުތަކަށް ދިވެހިން އަހުލުވެރިވަމުންދާ މަންޒަރު ރާއްޖޭގެ އެކިކަކޮޅުތަކުން ފެންނަމުންދާތީ އުފާކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
“ރަށްރަށަށް ކުރިންދާއިރު ދިމާކުރާދިމާކުރުން މިހާރުނެތް. އެއީ އުފާކުރާ ކަމެއް. ޅަފަތުގައި އޮތް ޑިމޮކްރަސީ ފައްކާވަމުން އަންނަކަމުގެ ހެކި އެފެންނަނީ.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް މީހުންގެ އަބުރަށް އަރައިނުގަތުމަށް އެއްވެސް ބަޔަކު، ޚާއްސަކޮށް ޖޭޕީގެ މެންބަރުން މިފަދަ އަމަލު ނުކުރުމަށް ގޮވާލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށެވެ. ފިކުރު ތަފާތުވިޔަސް އެހެން މީހުންވެސް ކުރާކަމެއް ލޮލުން ބަލައި އަތުން ހިފުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ