ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑީގެ މައްސަލަ ހައްލުކުރަން ޕީޕިއެމާއި ޖުމްހޫރީ ޕާޓީއާއެކު އެއްވެސް ވަރަކަށް ރަސްމީ ސިފައެއްގައި މިހާތަނަށް ވާހަކަ ދެކެވިފައި ނުވާކަމަށް ޖުމުހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އިމްތިޔާޒް (އިންތި) މިއަދު ވިދާޅުވީ ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީއަކުން ކާށިދޫ ގޮނޑިއަށް ވާދަކުރަން ނިންމި ނަމަވެސް އެކަމާމެދު މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށެވެ.
އިންތި ވިދާޅުވީ ކާށިދޫ ދާއިރާއަށް ޖުމުހޫރީ ޕާޓީއާއި ޕީޕީއެމުން ކެނޑިޑޭޓުން ވާދަކުރި ނަމަވެސް އެ ދެޕާޓީގެ ގުޅުމަށް އެއްވެސް ވަރެއްގެ ބުރުލެއެ ނާރާނެ ކަމަށާއި ދެ ޕާޓީގެ ދެމެދުގައި އެއަށްވުރެ މާވަރުގަދަ ގުޅުމެއް އޮންކަމަށެވެ. ވިދާޅުވީ ކޮންމެ ޕާޓީއަކުން ކެނޑިޑޭޓަކު ކުރިމަތިލީނަމަވެސް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްގެން ޖުމުހޫރީ ޕާޓީއިން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
"އެގޮތަށް ދެ ޕާޓީން ނުކުތް ނަމަވެސް އެއްވެސް ބުރުލެއް ނާރާނެ. ޖުމުހޫރީ ޕާޓީއާއި ޕީޕީއެމާއި އޮންނަ ރިލޭޝަންޝިޕް ވަރަށް ވަރުގަދަ، ވަރަށް ސޮލިޑް ރިލޭޝަންޝިޕެއް އޮތީ. އަޅުގަނޑުމެން މުސްތަގުބަލްގައި ވެސް އެގޮތަށް ކުރިއަށް ދާނެ. ކޮންމެހެން ކެނޑިޑޭޓަކު ނުކުތަކަސް އެއްވެސް ބުރުލެއް ނާރާނެ،" އިންތި ވިދާޅވި އެވެ.
އޭނާ ވިދާޅުވީ އިއްތިހާދުގައި ހިމެނޭ ގިނަ ޕާޓީތަކުން އެ ޕާޓީއަށް ސަޕޯޓް ކުރާ ކަމަށާއި ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި އިއްތިހާދުގެ ފަރާތުން ވެސް ރަސްމީކޮށް އެއްވެސް ވަރަކަށް ޖުމުހޫރީޕާޓީއާ މިހާތަނަށް މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
ޖުމުހޫރީ ޕާޓީން ޕީޕީއެމާއި ރަސްމީކޮށް މަޝްވަރާ ކުރިކަމަށް ބުނެފައި ނުވިނަމަވެސް ޕިޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވެފައި ވަނީ ޖުމުހޫރީ ޕާޓީއާއި އެކު ޕީޕީއެމުންކުރި މަޝްވަރާ ނާކާމިޔާބު ވުމުން އިއްތިހާދުގެ ހަތަރު މެންބަރުންގެ ކޮމިޓީއަކުން އެ މަޝްވަރާތައް ކުރިއަށް ގެނދިއަ ކަމަށެވެ.
އިއްތިހާދުންވެސް ބުނެފައިވަނީ ކާށިދޫދާއިރާގެ ގޮނޑީގެ މައްސަލާގައި ޖުމުހޫރީ ޕާޓިއާއި ޕީޕީއެމާއި ދެމެދު މަޝްވަރާ ކުރި ކަމަށެވެ.
ކާށިދޫ ދާއިރާގެ މައްސަލާގައި ޕީޕީއެމުން ރަސްމީ ވާހަކަތަކެއް ނުދައްކާ: ޖުމްހޫރީ ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ