2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްޓަކައި އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ އަޅުއްވައިފިއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ކުރިމަތިލެއްވުމަށްޓަކައި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ މޫސަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލެއްވުމުގެ ގޮތުން ކެމްޕެއިން ފައްޓަވާ އޭނާގެ ވެރިކަމުގައި ކުރައްވާނެ ބައެއް ކަން ކަން ހާމަކުރައްވާފައެވެ.
2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ވާނީ އޭނާ ކަމަށާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ ގައުމީ ބަޖެޓެއް ކަމަށެވެ.
"ތިޔަބޭފުޅުންގެ ކުރިމަތީގައި މިއަދު މިހުރީ 2018 ގެ ކެންޑިޑޭޓު، 2019 ގެ ރައީސުލްޖުމްހޫރިއްޔާކަން ތިޔަބޭފުޅުން ހަނދާން ކުރަންވާނެ، މިއީ އޮޅިގެން ހިނގާ ކަމެއް ނޫން، އަޅުގަނޑުމެން މިވާހަކަ މިދައްކަނީ ޖޯކަކަށް ނޫން، އަޅުގަނޑުމެން ސިޔާސީ ދާއިރާއަށް ވަނީ މިކަމުން ފެއިލްވެގެންދާކަށް ނޫން، އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރުގެ ބަޖެޓު އަޅުގަނޑުގެ ވެރިކަމުގައި ތައްޔާރުކުރަމުންދާނީ ގައުމީ ބަޖެޓުގެ ގޮތުގައި." މޫސަ ވިދާޅުވިއެވެ.
ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އެއްޗެއް ނޫން ކަމަށާއި ބަޖެޓަކީ ސީދާ ރައްޔިތުންނާއި ގުޅިފައި ހުރި އެއްޗެއް ކަމުން ބަޖެޓާއި ގުޅިގެން ރައްޔިތުންގެ މަންދޫބުން ފާޅުކުރަމުންދާ ޝުއޫރަކީ އެދާއިރާގެ ރައްޔިތުންނަށްޓަކައި ފާޅުކުރާ ޝުއޫރަކަށްވާތީ ކޮންމެ ޕާޓީއަކުން އެކަމަށް އިހްތިރާމް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެގޮތުން ރައްޔިތުންނަށް ފްލެޓު ލިބޭނެ މަގު ތަނަވަސްވީ އެމްޑީޕީގެ ޗެއާޕަސަން މަގާމުގައި ހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވީ ވައުދެއްވާއިރު ވާން ޖެހޭނީ އެ ވައުދެއް ފުއްދޭ ކަހަލަ ވައުދެއް ކަމަށާއި "މީހުންނާއި ހިތާވާން ދާއިރު ވާހަކަ ދައްކާފައިވާނީ އެގޮތަށް" ކަމަށެވެ. އަދި ކުރެވޭ ވަރުގެ ކަންތައްތަކާއި ނުކުރެވޭ ވަރުގެ ކަންތައް ހުންނާނެ ކަމަށާއި "ލޯބީގައި ދައްކާ ވާހަކައިން އުޑުން ތަރި ބާލަ ދިނުމަކީ މިއަދުގެ ސަގާފަތުގެ ތެރޭގައި އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން." ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދެވޭ ކަމަށް ވިދާޅުވެ އެ ވައުދުތައް ފުއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތް ދިނުމަށްޓަކައި އެމްޑީޕީން ބަޖެޓަށް އިސްލާހު ހުށަހެޅުމުން އެ އިސްލާހު ފާސްކޮށްދިނުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ.
މޫސަ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގައި 3 ލައްކައަށްވުރެ ގިނަ މީހުންގެ ތެރެއިން އެއް ލައްކައަށްވުރެ ގިނަ މީހުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި ޒުވާނުންގެ ގޮތުގައި ތިބި އެތައް ބަޔަކަށް ވަޒީފާ ނުލިބިވާ ކަމަށާއި އޭނާގެ ވެރިކަމެއްގައި ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާ ހޯދައިދޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"ބެޔަސް ނުބެޔަސް 10،000 ރުފިޔާ ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ދަނޑުވެރިންނަށް 8000 ރުފިޔާ ފޯރުކޮށްދެއްވާ، އަޅުގަނޑު ފަހުރުވެރިކަމުގެ ދަންނަވަން އަޅުގަނޑުމެން އެމްޑީޕީގައި ހުރެގެން ހެދި ބަޖެޓަކީ ރައްޔިތުންނަށް ސީދާ ހުރި ގޮތެއްގައި ގުޅުން ހުރި އެއްޗެއް." މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަތުރުފަތުރުގެ ނިޒާމާއި ބޭސް ސިޓީއަށް ސަލާން ޖެހުން (ހުއްޓާލުމުގެ) ވައުދު އެއޮތީ ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ ތިން އަހަރު ދުވަހުގެ ތެރޭގައި ވާނީ އެ ވައުދުތައް ފުއްދާދީފަ، އަޅުގަނޑު ފަހުރުވެރިކަމާއިއެކު މި ދަންނަވަނީ އެޕާޓީގެ ޗެއާޕާސަން ކަމުގައި ހުރެގެން އަޅުގަނޑު ކުރުވާފައި ހުރި ކަންތައް، ވަރަށް ފަހުރުވެރިވޭ އެކަމާއި ހެދި، އެހެންވެ ރިޔާސީ ކެންޑިޑޭޓުކަން އިއުލާންކޮށްގެން މި ހުންނަނީ." މޫސަ އިތުރަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ނިމުމުނުއިރު ގައުމު ދަރުވާލާފައިވާ ކަަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ އެމްޑީޕީން ވެރިކަމާއި ހަވާލުވީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތު ހަމަނުވަނީސް އެމްޑީޕީ ސަރުކާރަށް ތިން އަހަރުވީ ތަނާ "ބަޣާވާތަކުން ވެރިކަން ވައްޓާލުމުން" އެ ދަރަނި ހަމައަކަށް އަޅުވާ ސާޕްލަސްއެއް ނުހޯދޭނެ ކަމަށެވެ.
2018 ވަނަ އަހަރު އިންތިހާބު ކާމިޔާބުކުރުމުގެ ފުރަތަމަ ފިޔަވަޅު މޫސަ އަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ