ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރުން ވައުދުވި ގިނަ ކަންތައްތަކެއް ހާސިލްވާތަން ފެންނަމުންދާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމިންގެ އެއް އަހަރު ދުވަހުގެ ރިޔާސަތުގައި ރާއްޖެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި އެއީ އެންމެން ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"އެމަނިކުފާނުގެ އެއް އަހަރު ދުވަހުގެ ރިޔާސަތުގެ ތެރޭގައި ރާއްޖެއަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެ، ރާއްޖޭގެ ރައްޔިތުންގެ އުފާފާގަތި ކަމަށް އިތުރު ދިރުންތަކެއް ލިބިގެން ހިނގައްޖެ، ޕީޕީއެމްގެ މެނިފެސްޓޯގައި ވާ ވަރަށް ގިނަ ކަންތައްތަކެއް ޙާސިލްވަމުންދާ ތަން ރައްޔިތުންނަށް ފެނިއްޖެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމްއިން ވެސް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި ޕީޕީއެމަށް ތިން އަހަރު ފުރުނުއިރު އެ ޕާޓީ އަކީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް މަގްބޫލް ޕާޓީއަކަށްވެފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ޕީޕީއެމް އުފެދުނީ ވަރަށް މަގްސަދެއްގައި ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުން ޕީޕީއެމް އާއި ރައްޔިތުން ގުޅެމުންދިޔުމަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެޕާޓީގެ މަޤުބޫލުކަން ރާއްޖޭގައި އޮތްކަން ދައްކުވަައިދޭ ހެއްކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެކި ރަށްތަކުން އުފައްދާފައިވާ 62 ގޮފީގެ މެމްބަރުންގެ ފޯމުތައް ރައީސް މައުމޫނާއި ވަނީ ހަވާލުކޮށްފައެވެ. އެ ގޮފިތަކުގެ މެންބަރުގެ ގޮތުގައި 1597 މީހުން ރަޖިސްޓްރީކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ޕީޕީއެމް އިން ވައުދުވި ގިނަ ކަންތައްތަކެއް ހާސިލްވާތަން ފެނޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ