ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލަހަކީ ޤާނޫނު އަސާސީ އާއި ހިލާފު އިސްލާހެއް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރުން ނިންމަވައިފި އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުން މިގޮތައް ނިންމަވާ އެކަން އިއުލާން ކުރައްވާފައި ވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެކޯޓުގެ ފަނޑިޔާރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ކަމާއިބެހޭ ފަރާތްތަކުގައި އެވާހަކަ ދެންނެވުމަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ޢާންމުމަޖްލީހުން ފާސްކުރި ޤަރާރެއްގައެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ޤާރާރުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ނިންމުންތަކަކީ ވަކިކޮޅަކަށް ބުރަނުވެ ތަޢައްސުބުން އެއްކިބާވެ އަދުލްވެރިކަމާއި އެކު ނިންމާ ނިންމުންތަކެއްކަމަށް ހެދުމަށްޓަކައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭނެ މަގުތައް ބަންދުކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުގެ ޔަޤީންކަން ފަނޑިޔާރުންނަށް ދެވި ފަނޑިޔާރުކަމުގެ މަޤާމުން ފަނޑިޔާރަކު ވަކިކުރެވޭނެ ވަކި ގޮތްތަކެއް ކަނޑައެޅި ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައި ވާކަމަށެވެ.
އަދި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް އެމާއްދާގެ (ހ) ގައި ސާފު ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ވެސް ޤާރާރުގައި ބުނެފައި ވެއެވެ.
އަދި މިއުސޫލުތަކަކީ "ބެންގަލޯ ޕްރިންސިޕަލްސް އޮން ޖުޑީޝަލް ކޮންޑަކްޓް" އާއި ކޮމަންވެލްތް ލެޓިމަރ ހައުސް ޕްރިންސިޕަލްސް އޮން ދަ ތްރީ ބްރާންޗަސް އޮފް ގަވަރމަންޓް އާއި "ޔުނައިޓެޑް ނޭޝަންސް ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑިޕެންޑަންސް އޮފް ދަ ޖުޑިޝަރީ" ގައި ބަޔާންކުރެވި މުއުޞޫލުތަކަކީ ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ބަލައިގަނެ ތަބަޢަވަމުން އަންނަ އުސޫލުތަކެއް ކަމަށް ވެސް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
"އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި އެބާރުގައި ހިމެނޭ ފަނޑިޔާރުންގެ ދައުރާއި މުސްތަޤިއްލު ކަމަށް ބުރޫއެރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއި ހާމަކަމާއިއެކު އިންސާފުން ޝަރީއަތް ކުރުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ." ފަނޑިޔާރުންގެ ޤަރާރުގައި ވެއެވެ.
ޤަރާރުގައި އިތުރަށް ބުނެފައި ވަނީ "އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ޤާނޫނުއަސީގެ 18 ވަނަ މާއްދާއިން ދައުލަތައް މަތިކޮށްފައިވާ ވާޖިބެކެވެ. މިގޮތުން ބަލާއިރު ކޮންމެ މީހަކާމެދުވެސް އަދުލުވެރިކާއި ހާމަކަމާއެކު އިންސާފުން ޝަރީއަތް ކުރުމުގެ ޙަައްޤަކީ އިސްލާމީ ޝަރީއަތުގައި އޮންނަ "މަބްދައު އިސްތިޤުލާލިއްޔަތުލް ޤަޟާއު" އާއި "ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"ގެ 10 ވަނަ މާއްދާ އާއި "ކައިރޯ ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް އިން އިސްލާމް"ގެ 19 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ފަރާތުން ތަޟްދީޤުކޮށްފައިވާ ބައިނަލްއަޤުވާމީ މުއާހަދާއެއް ކަމަށްވާ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓް"ގެ 14 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ." ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުގެ ޤަރާރުގައި ވިދާޅުވެފައި ވަނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ކޯޓެއްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އަމަލުކޮށްފައިވާ ގޮތަށް ނަޒަރުކުރާއިރު އެމެރިކާގެ ސްޕްރީމް ކޯޓުގައި އެންމެ ގިނަ އަދަދަކަށް ފަނޑިޔާރުން އެއްފަހަރާ ތިއްބަވާފައި ވަނީ 1863 ވަނަ އަހަރު ގައި ކަމަށެވެ. އެއަހަރުގައި އެކޯޓުގައި ޖުމްލަ 10 ފަނޑިޔާރުން ތިއްބެވި އެވެ.
އެފަނޑިޔާރުންގެ އަދަދު 7 އަށް މަދުކުރުމަށް އެމެރިކާގެ ކޮންގްރެސް އިން ޖުޑީޝަލް ސަރކިޓްސް އެކްޓް 1866 ފާސްކޮށްފައިވާ ކަމަށާއި މިޤާނޫނުގެ ދަށުން އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 07 ދަށް ކުރުމަށްޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެގޮނޑިއަށް އަލުން ފަނޑިޔާރުން އައްޔަން ނުކުރުމަށް ކަނޑައަޅާފައިވާ ކަމަށް ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
"ފަނޑިޔާރުންގެ އަދަދު 07 އަށް މަދުކުރުމުގެ ގޮތުން ފަނޑިޔާރުން ވަކިކުރުމަށްޓަކައި އެޤައުމުގެ ދުސްތޫރީ ހަމަތަކާއި ހިލާފަށް އަމަލުކުރުމަށް އެޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ހަމައެކަނި ކަނޑައަޅާފައިވާ އިޖުރާއަތަކީ އެކޯޓުގެ ފަނޑިޔާރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެގޮނޑި އަށް އަލުން ފަނޑިޔާރަކު އައްޔަނު ނުކުކުރުމުގެ އިޖުރާއަތެކެވެ." ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
ޤަރާރުގައި ވިދާޅުވެފައި ވަނީ ބުނެވިދިޔަ އިޖުރާއަތުގެ ދަށުން އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 07 ފަނޑިޔާރުންގެ އަދަދަށް ދަށް ކުރެވިފައި ނުވާ ކަމަށެވެ. 1865 ވަނަ އަހަރު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ކެޓްރޮން އަވަހާރަވުމުން ހުސްވެފައިވާ ގޮނޑިއަށާއި 1867 ވަނަ އަހަރު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޖޭމްސް މޯރ ވޭން އަވަހާރަވުމުން ހިސްވެފައިވާ ގޮނޑިތަކާއި އެކު އެކޯޓުގައި ތިއްބެވި 10 ފަނޑިޔާރުންގެ އަދަދު 08 ފަނޑިޔާރުންނަށް ދަށްކުރެވިފައި ވިޔަސް އެއަށްފަހު 1869 ވަނަ އަހަރުގައި އެޤައުމުގެ ކޮންރެސް އިން އެމެރިކާގެ ސްޕްރީމް ކޯޓުގައި ތިއްބަވާނެ ފަނޑިޔާރުންގެ އަދަދު 09 އަށް އިތުރު ކޮށްފައިވާ ކަމަށް ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި އެޤައުމުގެ މަޖިލީހުން ކަނޑައަޅާފައިވާ ހަމައެކަނި އިޖުރާއަތަކީ އެކޯޓުގެ ފަނޑިޔާރެއްގެ ގޮނޑި ހުސްވެއްޖެނަމަ އެގޮނޑިއަށް އަލުން ފަނޑިޔާރަކު އައްޔަނު ނުކުރުމުގެ އިތުރާއަތެއް ކަމަށާއި އެއާއި ހިލާފަށް ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާއިން އުފަންކޮށްފައިވާ މުސްތަޤިއްލު ކޮމިޝަނެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަމަށް ޤާނޫނުއަސާސީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާން ވެގެންވާ އިޖުރާއަތާއި ޚިލާފަށް 03 ދުވަހުގެ ތެރޭގައި ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއިސްލާހު މެދުވެރިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަޖުބޫރުކޮށްފައިވާ ކަމަށް ޤަރާރުގައި ވެއެވެ.
" (މިއީ) ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ފަނޑިޔާރުކަމުގެ މަޤާމު މުސްތަޤިއްލު ކުރުމަށްޓަކައި ޤާނޫނު އަސާސީން އެމަޤާމަށް ދީފައިވާ ޙިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި އަދި ނުފޫޒުގައި ނުޖެހި މުސްތަޤިއްލުކަމާއެކު ފަނޑިޔާރަކު ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ފާޅުކުރާ ރައުޔެއްގެ ސަބަބުން ނުވަތަ ނިންމާ ނިންމުމެއްގެ ސަބަބުން އެފަނޑިޔާރެއްގެ މަޤާމު ގެއްލުމުގެ ބިރުވެރިކަމެއްނެތި ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ފަނޑިޔާރުން ޤާނޫނު އަސާސީ އަށާއި ޤާނޫނަށާއި އަދި ޤާނޫނު އަސާސީގައާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތައް ރިޢާޔަތްކުރުމަށް ފަނޑިޔާރުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެކެވެ." ޤާރާރުގައި ވިދާޅުވެފައި ވެއެވެ.
ޤަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ "އަދި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާއިން މުސްތަޤިއްލު ކޮމިޝަނެއްގެ ގޮތުގައި އުފަންކޮށްފައި އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނު އަސާސީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި ހިލާފަށް 03 ދުވަހުގެ ތެރޭގައި ވަކި ގޮތަކަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއިސްލާހު މެދުވެރިކޮށް އެކޮމިޝަނަށް މަޖުބޫރު ކޮށްފައިވުމާއި އެމަޖުބޫރީ ހާލަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޣައިރުދުސްތޫރީ މަޖުބޫރު ކުރުމެއްގެ ތެރެއިން އަދި އަމަލުކުރާނެ އުޞޫލެއް ނުވަތަ ޤަވައިދެއް އަދި ކިޔެއްތަ އެއްވެސް މިންގަނޑެއް ހާމަކުރުމެއްނެތި އިޖުރާއީ އަދުލުވެރިކަމުން އެއްކިބާވެފައިވާ" ކަމަށެވެ.
މިނިންމުން ނިންމާފައިވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިނާއި އާއިޝަތު ޝުޖޫން މުހައްމަދު، އަބްދުﷲ ޖަމީލް މޫސާ، ހާތިފް ހިލްމީ، މަރިޔަމް ނިހާޔަތު، ހުސައިން މަޒީދުގެ އިތުރުން ފަރުހާދު ރަޝީދު އެވެ.
ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުން ޤާނޫނު އަސާސީ އާއި ހިލާފު ކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ