ވެސްޓް ޕާކް ކުއްޔަށް ދިން މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ވެސްޓް ޕާކް ކެފެޓީރިއާ ހިންގާ ބިން ޔޮޓް ޓުއާޒް މޯލްޑިވްސާ ހަވާލުކޮށްފައި ވަނިކޮށް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިން މައްސަލައިގައި ސިޓީ ކައުންސިލާ ދެކޮޅަށް ޔޮޓް ޓުއާސް އިން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ. މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެދުވަހު ބާއްވަން އޮތް އަޑުއެހުމަށް ޔޮޓް ޓުއާސުން ހާޒިރުނުވުމުންނެވެ. ކޯޓުގެ ހުކުމުގައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ އެ ކުންފުނީގެ ފަރާތުން އައްޔަންކޮށްފައި ހުރި މީހާ ކޯޓަށް ހާޒިރުނުވާ ކަމަށެވެ. ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމަށް ފަހު ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިިރު ނުވެއްޖެ ނަމަ ދައުވާ ފޯމް ބާތިލް ކުރުމުގެ ބާރު ކޯޓުތަކަށް އޮވެއެވެ. ވެސްޓް ޕާކް ހިންގާ ބިން ތަރައްގީކޮށްގެން ހިންގުމަށް 10 އަހަރުގެ ދުވަހުގެ މުއްދަތަކަށް ކައުންސިލުން ވަނީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް ކުއްޔަށް ދީފަ އެވެ. އޭނާ އަކީ ކުރިން ލިލީސް ރެސްޓޯރެންޓް ހިންގެވި އަދި މިހާރު ރާއްޖޭގެ މެރީ ބްރައުންގެ ވެސް ހިއްސާދާރެކެވެ. ވެސްޓް ޕާކް ކުރިން ހިންގީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިންނެވެ. ޔޮޓް ޓުއާސުން ކުރި ދައުވާގައިވަނީ އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެ، އެކަމަށް މަޝްވަރާ ކުރަމުން ދަނިކޮށް ކައުންސިލުން އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނީ ކަމަށެވެ. އެހެންވެ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އޮތް ހައްގު ނިގުޅައި ނުގަތުމަށް ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެ ދައުވާގައި ޔޮޓް ޓުއާސުން އެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ