ގާސިމް ގާނޫނުއަސާސީގެ ރޫހާ ހިލާފުވެއްޖެ، އަޅާނެ ފިޔަވަޅެއް އެބަބަލަން: ޕީޖީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތަކީ "ޒާތީ މައްސަލައެއް" ކަމަށާއި އެ ދައުވާ އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވައިލެއްވުމުން އޭނާ ގާނޫނު އަސާސީގެ ރޫހާ ހިލާފުވެއްޖެ ކަމަށާއި އެކަމާ މެދު އަޅުއްވާނެ ފިޔަވަޅެއް ބައްލަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް މިރޭ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން، ރައްޔިތުން އެދެމުންދިޔައީ އޭނާ ދޫކޮށްލުމަށް ނުވަތަ ނަޝީދު އިސްތިއުފާ ދެއްވުމަށް ކަމަށާއި އެކަމުގައި ނަޝީދު ހިޔާރުކުރެއްވީ އިސްތިއުފާ ކަމަށެވެ، އަދި އެއީ އެ ކުށުގައި ނަޝީދަށް ލިބިވަޑައިގެންނެވި އަދަބެއް ކަމަށް ގާސިމް ސިފަކުރެއްވެވި އެވެ. އަދި ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާ އަނބުރާ ގެނައުމަށް ގާސިމް ވަނީ ތަކުރާރުކޮށް ޕީޖީ އަށް ގޮވާލައްވައިފަ އެވެ. ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން ޕީޖީ މުހުތާޒް "ހަވީރަ"ށް ވިދާޅުވީ ދުސްތޫރީ ނިޒާމުގެ ތެރޭގައި ހުންނެވި ބޭފުޅަކު، ގާނޫނާ ހިލާފަށް ކުރެއްވި ކުށަކަށް އުފުލާފައިވާ ދައުވާއެއް އަނބުރާ ގެނައުމަށް ފަރުދީ ހައިސިއްޔަތުން ގާސިމަށް ގޮވައި ނުލެއްވޭނެ ކަމަށެވެ. އަދި އެއީ ސައްހަ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ އެއަށް ގޮންޖެއްސެވުމަކީ ގާސިމަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. "ގާސިމް މި ވިދާޅުވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން، ރައްޔިތުން އެދެމުންދިޔައީ އޭނާ ދޫކޮށްލުމަށް ނުވަތަ ނަޝީދު އިސްތިއުފާ ދެއްވުމަށް ކަމަށް. އެކަމަކު ނަޝީދު އިސްތިއުފާ ދެއްވުމުން ކުށުގެ އަދަބު ލިބިއްޖެ ކަމަށް ގާސިމް ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެެއް ނޫން. އެހެންވެއްޖިއްޔާ ޕޮލިސް ކޮމިޝަނަރު ވެސް ގާނޫނުތަކާ ހިލާފަށް އެތައް ބަޔަކު ހައްޔަރު ކުރުމަށް ފަހު، އޭނާ މާދަމާ ނުކުމެ އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރަށް އަދަބު ލިބުނީ ކަމަށް އަޅުގަނޑުމެން ނިންމަންވީތޯ؟،" ޕީޖީ ވިދާޅުވި އެވެ. ޕީޖީ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ގާސިމް ވިދާޅުވެ، ކަމުގެ ހަގީގަތް އެހެން މިސްރާބަކަށް ގެންދަން މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. "މި މައްސަލާގައި އިލްމީ ރޮނގުން ވާހަކަ ދެއްކެވި ނަމަ އަޅުގަނޑުގެ މައްސަަލައެއް ނެތް. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ގާސިމަކީ އިލްމީ ރޮނގުން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ކަމެއް. އަޅުގަނޑަށް ފެނުނީ ސިޔާސީ ގޮތުން ވާހަކަ ދެއްކެވި ތަން،" މުހުތާޒް ވިދާޅުވި އެވެ. "މި ކަމުގައި އަޅާނެ ފިޔަވަޅެއް އަޅުގަނޑު މާދަމާ ބަލާފައި ނިންމާނަން." ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާގެ ހުރިހާ ދިމާލަކުން ބުނެފައި ވަނިކޮށް، ނަޝީދަކީ އިނޮސެންޓް ބޭފުޅެއް ކަމަށް ދައްކަން ގާސިމް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ. "މިހާރު ގާސިމް އެ ހުންނެވީ ގާނޫނު އަސާސީއާ ގާނޫނުތަކާ ވެސް ހިލާފުވެވަޑައިގެންފައި. ގާސިމް އެ ދެއްކެވީ ރައްޔިތުން ވެސް ބަލައިގަންނާނެ ވާހަކަތަކެއް ނޫން،" ވަހީދު ވިދާޅުވި އެވެ. "ގާސިމަކީ އަމިއްލަ އެދުމަށް ކަންކަން ކުރައްވާ ބޭފުޅެއް. ގައުމަށް ޣައްދާރުވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.. ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ގާނޫނު އަސާސީ މުގުރާލި މީހަކު ހިމާޔަތް ކުރުމަށް ގާސިމް ނުކުތުމަކީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގާސިމް ކުރެއްވި އަމަލެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ