ތިން އަހަރަށް ފަހު އެމްޓީސީސީގެ ހިއްސާދާރުންނަށް ފައިދާ ބަހަން ނިންމައިފި

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުންނަށް މިިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15ރ. ބަހަން ފާސްކޮށްފި އެވެ. މިދިޔަ ތިން އަހަރު އެމްޓީސީސީއަށް ގެއްލުންވެ އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ނުބަހަ އެވެ. އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއަށް 24 މިލިއަން ރުފިޔާ ލިބިފައިވާތީ ހިއްސާއަކަށް 15ރ.ގެ ޑިވިޑެންޓް ބަހަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގަގީ 50ރ. އެވެ. ބޯޑުން ފާސްކުރި ގޮތަށް ޑިވިޑެންޓް ބެހޭނީ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ ފާސްކޮށްގެންނެވެ. މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލް ކުރަން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަސް ފަރާތުގެ ނަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އެ ފަރާތްތަކީ ޑައިނަމިކް ކޮންސްޓްރަކްޝަންގެ އެމްޑީ އަދި ޑެނިކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަހުމަދު އަބޫބަކުރު، ސާކް ކޯސްޓަލް މެނޭޖްމަންޓް ސެންޓަރުގެ ޕްރޮގްރާމް އޮފިސަ ފަތުހުﷲ އިސްމާއިލް، އެލައިޑް އިންޝްއަރެންސްގެ ހެޑް އޮފް ސޭލްސް ނަސްރަތު މުހަައްމަދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޑިޓް ޑިޕާޓްމަންޓްގެ ހެޑް އަދި 2010 އިން ފެށިގެން އެމްޓީސީސީގެ ބޯޑް މެންބަރުކަން ކުރައްވާ މުޖުތަބާ ޖަލީލް އަދި އެމްއެމްއޭގެ މެނޭޖަރު އަދި 2010 ވަނަ އަހަރުން ފެށިގެން އެމްޓީސީސީގެ ބޯޑް މެންބަރުކަން ކުރައްވާ މަންސޫރު ޒުބައިރެވެ. އެމްޓީސީސީން ބުނީ މި ފަރާތްތަކުގެ އެއްވެސް މަސްލަަހަތެއް އެ ކުންފުނީގައި ނެތްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ ތެރެއިން މި ހިނގާ މާލީ އަހަރަށް ހިއްސާދާރުން ތަމްސީލް ކުރާނެ ދެ ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ ވެސް އަހަރީ އާންމު ޖަލްސާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ