ފަހުމީ ވަކިކުރީ ގާނޫނުއަސާސީއާ ޚިލާފަށް: ސުޕްރީމް ކޯޓް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މުހައްމަދު ފަހުމީ ހަސަން ރައްޔިތުންގެ މަޖިލީހުން ވަކިކުރީ ގާނޫނު އަސާސީ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ. ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ގޯނާކުރި ކަމަށް ބުނެ އެ މުވައްޒަފު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އޮތް އެ މަޖިލީހުގެ ޖަލްސާއިން ހާޒިރުވެތިބި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ފަހުމީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ފަހުމީގެ މައްޗަށް ކޮށްފައި ވަނީ ޖިނާއީ ތުހުމަތެއް ކަމަށާއި އެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަމަލުކޮށްފައި ވަނީ ޖިނާއީ ތުހުމަތެއްކުރެވޭ މީހަކާ މެދު އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހުން އޭނާ މެދު އެފަދަ ނިންމުމެއް ނިންމި ފަހުން އެ މައްސަލައާ ގުޅިގެން އިތުރު އަދަބެއް އަތުވެއްޖެ ނަމަ އެއް ކުށަކަށް ދެ އަދަބެއް ލިބޭ ފަދަ ކަމަށް ވާނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ. އެ މައްސަލާގައި ރިއާޔަތްކުރި ކަންތައްތައް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުމަކާ މެދު އެހެން އެހެންވެސް ބަޔަކަށް ނުބެހެވޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެ މީހަކަށް އަދަބެއް ލިބިއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ޝަރުއީ ކޯޓަކަށް ދިއުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. ފަނޑިޔާރު ސައީދު ވިދާޅުވީ ޝަރުއީ ކޯޓަކުން ކުށް ސާބިތުވުމުގެ ކުރިން އެ މީހަކީ މިނިވަނަކަށްވާނެ ކަމަށާއި އަދި އެފަދަ ކުށެއް ސާބިތުވުމުގެ ކުރިން އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ކީރިތި ގުރުއާނާއި ދުނިޔޭގެ އެކި ގައުމުތަކުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކަށް ރިއާޔަތްކުރުމަށް ފަހު އިއްވި ހުކުމުގައި، މަޖިލީހުގެ ކޮމިޓީން އަމަލުކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އޮންނަ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި ޑިއު ޕްރޮސެސް އަދި ގާނޫނު އަސާސީއަށް ރިއާޔަތްކުރި އިރު ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އަދި އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ހަ ފަނޑިޔާރުންގެ އިއްތިފާގުން މައްސަލަ ނިންމީ ކަމަށް ކަނޑައަޅާފައިވެ އެވެ. އެ މައްސަލައިގެ ރައުޔު ތަފާތުވެފައި ވަނީ އާއްމުކޮށް ރައުޔު ތަފާތުވާ ފަނޑިޔާރު މުއުތަސިމް އަދުނާން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ