ދޮށީ އުމުރުގެ މީހުންނަށް ދައުލަތުންދޭ އިނާޔަތް ލިބޭ އުމުރު 60 އަހަރަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރ އަލީ ސަލީމް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އުމުރުން ދުވަސް ދުވަހުން ދައުލަތުން ދެމުންގެންދާ އިނާޔަތް މިހާރު ލިބޭ އުމުރަކީ 65 އަހަރު ކަމަށާއި ރާއްޖޭގެ ކަންކަމަށް ބަލާއިރު އެ އުމުރު ހަނގުކުރަން ޖެހިފައިވާކަމަށެވެ.
އަލީ ސަލީމް ވަނީ މީގެކުރީ ޖަލްސާއެއްގައި ވެސް އުމުރުން ދުވަސްވެގެން ދައުލަތުން ދޭ އިނާޔަތް ލިބޭ އުމުރު 60 އަހަރަށް ދަށްކުރުމަށް ގޮވާލައްވާ ވާހަކަ ދައްކާފަ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ސަލީމް ވިދާޅުވީ 65 އަހަރަކީ މީހެއްގެ އުމުރަށް ބަލާއިރު ވަރަށް ދޮށީ އުމުރެއްކަމަށާއި އެހިސާބަށްދާއިރު އެ އުމުރުގެ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ. އެހެން ކަމުން 65 އަހަރުގެ ބަދަލުގައި 60އަހަރަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައިމިހާރު ބަހުސްކުރަމުންދާ ޕެންޝަނާ ބެހޭ ގާނޫނާބެހޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ބަހުސްގެ މަރުހަލާ ނިންމުމަށް ފަހު ކޮމެޓީއަށް ބިލްދިއުމުން އުމުރުގެ މައްސަލައާމެދު ވިސްނަވާ ރަނގަޅުގޮތެއް ހައްދަވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ދައުލަތުންދޭ އިނާޔަތް ލިބޭ އުމުރު 60 އަހަރަށް ދަށްކުރުމަށް ފުނަދޫ ދާއިރާގެ މެމްބަރ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ