އަބްދުﷲ ހަމީދުގެ ހަނދާނުގައި ފުވައްމުލަކު ކައުންސިލުން ތައުބީންގެ ޖަލްސާއެއް ބާއްވަނީ

މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަނދާނުގައި ފުވައްމުލަކުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފު މިއަދު ވިދާޅުވީ ހަމީދުގެ ހަނދާނުގައި ތައުބީންގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. ޖަލްސާ ބާއްވާނެ ތަނެއް އަދި ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި ތައުބީންގެ ޖަލްސާ ބާއްވަނީ ހަމީދު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ހަމީދުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަޑެމީން ވަނީ ފޮތްތަކެއް ވެސް ނެރެން ނިންމައިފަ އެވެ. އެގޮތުން އަންނަ މަހު ނެރޭ "ފަތްތޫރަ" ހާއްސަ ކުރަނީ ހަމީދަށެވެ. އޭގެ އިތުރުން ޅެން ފޮތަކާއި އެ މަނިކުފާނުގެ ހިދުމަތްތަކާ ބެހޭ ފޮތެއް ނެރެން ނިންމާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުންޏެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސް އަބްދުﷲ ޔާމީނާ އެއްބަފާ ބޭބެ ހަމީދު 76، އަވަހާރަވީ މީގެ ދުވަސްކޮޅެއް ކުރިން ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ