ކުރު މުއްދަތެއްގައި އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރާނަން: ނިމާލް
އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކުރައްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ ދެވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި މުހައްމަދު ނިމާލް އިއްޔެ ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ފެނަކަގެ އެމްޑީގެ މަގާމުން ކުރީ ސަރުކާރުން އޭނާ ވަކިކުރި އިރު ވެސް އައްޑޫގެ ކަރަންޓަށް އެދެވޭ ހައްލެއް ގެންނަން މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ކަމަށެވެ. "އޭރު އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައިން އައްޑު އަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންނަން. އެކަން ބީލަމަށް ވެސް ހުޅުވާލި. އެކަމަކު އަޅުގަނޑު ވަކިވެގެން ދިޔަ ފަހުން އެކަން ގޮސްފައި އޮތް ހިސާބެއް ނޭނގޭ،" ނިމާލް ވިދާޅުވި އެވެ. "އަޅުގަނޑަށް މި ލިބުނު ފުރުސަތާ އެކު ވަރަށް ބޮޑު ޕްރިއޮރިޓީއެއް ދީގެން އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރާނަން. އެ ވަރުގެ ކެޕޭސިޓީއެއްގެ ޖަނަރޭޓަރެއް ބެހެއްޓިގެން ނޫނީ އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ވެސް ނުލިބޭނެ. މީގެ މާނަ އަކީ ރާއްޖޭގެ އެހެން ހިސާބުތަކަށް އިސްކަން ނުދޭނެ ވާހަކައެއް ނޫން." ނިމާލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިމަތިވެފައި ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް، ކުރިއަށް ވުރެ ހަރުދަނާކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކުރަން ފެނަކައިން މަސައްކަތް ކުރާނެ ކަމަށެވެ. "ޔާމީން ސަރުކާރުގެ އަމާޒަކީ ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަހަށް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދީ، ނަތީޖާ ނެރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުންފުނީގެ މެންޑޭޓްގެ ތެރޭގައި ހުރި މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް އޮތް ތާނގައި ކުރިއަށް ގެންދެވޭ،" އޭނާ ވިދާޅުވި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް ވިދާޅުވެފައިވާ ގޮތުގައި އައްޑު އަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް މި ހަފުތާގެ ތެރޭގައި ފޮނުވަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ