ފެބްރުއަރީ 6،7ގައި ރައީސް ނަޝީދު އިސްތިއުފާ ޖެއްވަންޖެހޭ ވަރުގެ ކަމެއް ހިނގާފައެއްނެތް: މެމްބަރު ނަޝީދު

ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުގެ ރެއާއި ހަތްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އިސްތިއުފާދޭން ޖެހޭވަރުގެ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ޤަބޫލްނުކުރައްވާ ކަމަށް ޤާނޫނީ ވަކީލް އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލްކުރުމުގައި އޭނާގެ ހިއްސާއެއް އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް ނަޝީދު ކުރައްވަމުން ގެންދެވި ޤާނޫނާއި ޚިލާފް ކަންކަމާއި ދެކޮޅަށް އަޑުއުފުލެއްވީ ނަޝީދުގެ ވެރިކަން ބަދަލްކުރުމަށް ނޫން ކަމަށެވެ.
ވީ ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނަޝީދުގެ ވެރިކަން ބަދަލްވެގެން ދިޔަގޮތާއި ގުޅޭގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު މަޤާމުން އިސްތިއުފާދެއްވުމުގެ ކުރިން އެމަނިކުފާނު ވެރިކަން ދޫކޮށްލައްވަފާނެ ކަމަށް ޤަބޫލްވެސް ނުކުރައްވާ ކަމަށެވެ.
ނަޝީދުގެ ވެރިކަން ބަދަލްވެގެންދިޔަގޮތާއި ގުޅޭގޮތުން ނަޝީދާއި އެމްޑީޕީން ތަފާތު ވާހަކަތައް ދައްކަމުން ގެންދާއިރު އުސްތާޒް ނަޝީދު ވިދާޅުވީ ޖުމްހޫރީ މައިދާނަށް އެއްވެ ތިބި އާންމުންގެ ސަބަބުން ނަޝީދު އިސްތިއުފާދެއްވަން ނުޖެހޭ ކަމަށެވެ.
އޭގެ ކުރިންވެސް ނަޝީދާއި ދެކޮޅަށް އެއަށްވުރެ މާބޮޑެތި އެއްވުންތައް ބޭއްވިފައިވާ ކަމަށާއި، އެހެންކަމުން އާންމުންގެ އެ އެއްވުމަކީ އެމަނިކުފާނު އިސްތިއުފާދެއްވަން ޖެހޭ ސަބަބެއް ނޫން ކަމަށް އުސްތާޒް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ ޢަމަލްތައް ހުރިގޮތާއި ގުޅޭގޮތުން އުސްތާޒު ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއްގައި ތަފާތު ގޮތްގޮތަށް ކަންކަން ބަދަލްވެގެންދާނެ ކަމަށާ، ނަމަވެސް އެދުވަހު އެ މައްސަލަތައް ހައްލުނުކުރެވޭވަރަށް ކަންކަން ދިޔަކަމަށް ޤަބޫލްނުކުރައްވާ ކަމަށެވެ.
ފެބުރުއަރީ ހަތަކާއި ގުޅޭގޮތުން މީޑިޔާއަށް ދެއްވި އެންމެ ތަފްސީލް އިންޓަވިއު ވީ ނިއުސްއަށް ދެއްވަމުން އުސްތާޒް ނަޝީދު ވަނީ ކުރީގެ ރައީސްގެ ވެރިކަން ބަދަލުކުރުމުގައި އޭނާގެ ދައުރު ބޮޑުކަމަށް ބުނެ އެމްޑީޕީން ދައްކަމުންދިޔަ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ.
އުސްތާޒު ނަޝީދު ވިދާޅުވީ އެދުވަސްވަރު އޭނާ އަޑުއުފުއްލަވަމުން ގެންދެވީ ޤާނޫނާއި ޚިލާފަށް ކުރީގެ ރައީސް ނަޝީދާއި އޭނާގެ ސަރުކާރުން ކުރަމުން ގެންދިޔަ ކަންތައްތަކާ މެދު ކަމަށެވެ.
ޚާއްސަކޮށް ކުރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޒް އަބުދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލުމަކީ ނަޝީދު ކުރައްވާފައިވާ ވަރަށް ބޮޑު ޤާނޫނާއި ޚިލާފް ޢަމަލެއް ކަމަށް އުސްތާޒު ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ވެރިކަމާއި ދެކޮޅަށް އުފުއްލެވި އަޑަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލްކުރުމަށް ނުވަތަ ވައްޓާލުމަށް އުފުލެއްވި އަޑެއް ނޫން ކަމަށާ، އެއީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާތީ އުފުލެއްވި އަޑެއްކަމަށް އުސްތާޒް ނަޝީދު ވިދާޅުވި އެވެ.
ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާއިރު ކުރިމިނަލް ކޯޓުގެ އިސް ޤާޒީ އަބުދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލައާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މުޒާހަރާތަކުގައި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަލްއުސްތާޒް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އެކަމާއި ދެކޮޅަށް ވަނީ އަޑުއުފުއްލަވާފަ އެވެ.
އުސްތާޒު ނަޝީދުގެ މި ބައިވެރިވުމާއެކު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލްކުރުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އުސްތާޒު ނަޝީދުވެސް ބޮޑު ދައުރެއް އަދާކުރައްވާފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ