އަލީ ހަމީދާ މެދު ފިޔަވަޅެއް އަޅާނީ ކޯޓުން މައްސަލަ ބަލައިގަތުމުން: ޖޭއެސްސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަނުން ފިޔަވަޅެއް އަޅާނީ މައްސަލަ ކޯޓުން ބަލައިގަތުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ. ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުހައްމަދު ވިދާޅުވީ ކޮމިޝަންގެ ގަވާއިދު އޮތް ގޮތުން، ފަނޑިޔާރަކާ މެދު ދައުވާކޮށްފި ނަމަ، ފިޔަވަޅު އެޅޭނީ މައްސަލަ ބަލައިގަތުމުން ކަމަށެވެ. "އަޅުގަނޑުމެން ބެލި ބެލުމުން އަދި އެ މައްސަލަ ބަލައެއްނުގަނޭ. އެ މައްސަލަ ބަލައިގަތުމުން ކޮމިޝަންގެ ބައްދަލުވުމަށް އެކަން ހުށަހަޅާނަން. އަދި އަޅާނެ ފިޔަވަޅެއް ނިންމާނީ ކޮމިޝަނުން،" އޭނާ ވިދާޅުވި އެވެ. ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އެ ކޯޓުން ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރަކާ މެދު ދައުވާކުރުމުން، މިހާތަނަށް ކޮމިޝަނުން ނިންމާފައިވަނީ އެ ފަނޑިޔާރަކު ސަސްޕެންޑްކުރުން ކަމަށް ޖޭއެސްސީގެ މެމްބަރަކު ވިދާޅުވި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފަނޑިޔާރުންގެ މޯބައިލް ފޯން ބިލްތައް ދައްކަމުން ދިޔަ ދުވަސްވަރު އަލީ ހަމީދު ގެންގުޅުއްވި ފޯނުން ތަފާތު އެކި ފަހަރުމަތިން އެހެން ފޯނުތަކަށް 2،223ރ. އޭނާ ޓްރާންސްފާ ކުރައްވާފައިވާ މައްސަލައިގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮރަޕްޝަންގެ ދައުވާ ކުރަން މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިންނެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ. އޮޑިޓާ ޖެނެރަލް ރިޕޯޓްގައި އަލީ ހަމީދާ ބެހޭ ގޮތުން ފެންމަތިވެފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ދައުލަތުން ދީފައިވާ ކާރަކަށް އަލީ ހަމީދުގެ އިހުމާލުން ގެއްލުންތަކެއް ވުމުން ބަޖެޓުން ހަރަދުކޮށްގެން އެ ކާރު މަރާމާތުކޮށްފައިވާ މައްސަލަ ހިމެނެ އެވެ. އެ މައްސަލަތައް ވެސް އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު ކަސްބީ އަންހެނުންތަކަކާ އެކު އަލީ ހަމީދު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން އަލީ ހަމީދު ސަސްޕެންޑް ކުރުމާ މެދު ޖޭއެސްސީން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ