ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވި އަފްޒަލް އަށް އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުކަން ދެއްވައިފި

ސިފައިންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވުމަށް ފަހު މިދިޔަ މަހު ރިޓަޔާކުރެއްވި ލެފްޓިނެޓް ކާނަލް އިބްރާހިމް އަފްޒަލް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމަށް ހަމަޖައްސައިފި އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަފްޒަލް އެ ކުންފުނީ މެކޭނިކަލް އެންޑް މެރިން ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ ވަޒީފާ އަށް އިއްޔެ އިން ފެށިގެން ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ މެރިން އިކްޕްމަންޓްތަކެއް މަރާމާތުކޮށް ބެލެހެއްޓުމާއި ވެހިކަލްތަކުގެ ރޫޓިން ސާވިސް ދޭނީ އަފްޒަލްގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން ކުންފުނީގެ ސޭފްޓީ އެންޑް ސެކިއުރިޓީ ޔުނިޓް ވެސް ބަލަހައްޓަވާނީ އަފްޒަލް. އެކަމަކު މި މަގާމަށް އޭނާ ހަމަޖައްސަވާފައި ވަނީ އިއުލާންކޮށްގެން ކަމެއް އެނގިފައެއް ނެތް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން އޭނާ ރިޓަޔާކުރުމާ ގުޅިގެން، އެމްއެންޑީއެފްގެ މޭޖަ އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އަފްޒަލް ސިފައިންގެއިން ވަކިވެ ވަޑައިގަތީ އަމިއްލަ އަށް އެކަމަށް ބޭނުންވެވަޑައިގެން ކަމަށެވެ.
އަފްޒަލް ވަނީ ސިފައިންގެ ވަޒީފާގައި 24 އަހަރު ވަންދެން އުޅުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ