އަލްހާފިޒް އަހުމަދު ނަބީހަށް ސައުދީ އެމްބަސީން 1000 ޑޮލަރުގެ ހަދިޔާއެއް ދީފި

އޯޓިޒަމް ހުންނަ ކުއްޖެއް ކަމުގައިވާ، އުމުރުން 14 އަހަރުގެ އަލްހާފިޒް އަހްމަދު ނަބީހު، އެއްމެ ތިން މަސްތެރޭގައި ގުރުއާން ހިތުދަސްކޮށްފައިވާއިރު މި ކުއްޖާއަށް އެހީއެއްގެ ގޮތުގައި ސައުދީ އެމްބަސީން އެއްހާސް ޑޮލަރު ދީފި އެވެ.
މި އެއްހާސް ޑޮލަރު ނަބީހުއާއި ހަވާލުކޮށްފައިވަނީ ސައުދީ އެމްބަސީގައި ސައުދީން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު އެވެ. މި އެއްހާސް ޑޮލަރާއެކު ސައުދީ އެމްބަސީން ވަނީ ނަބީހުއަށް ރަންކުލައިގެ ހަތިމެއްވެސް ހަދިޔާ ކޮށްފަ އެވެ.
ސައުދީ އެމްބަސީގައި ސައުދީ ބޭފުޅުންވަނީ ނަބީހް ގުރުއާން ކިޔަވާ އަޑު އައްސަވައި ނަބީހުގެ ކިޔެވުމަށް ތައުރީފު ކުރައްވާފަ އެވެ.
ނަބީހުއަށް ސައުދީ އެމްބަސީން އެއްހާސް ޑޮލަރާއި ރަންކުލައިގެ ހަތިމެއް ހަދިޔާކޮށްފައިވާއިރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ވަނީ މާސްޓާސް އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ނަބީހުއަށް ދީފަ އެވެ.
ނަބީހުއަށް މި ހަދިޔާތައް ލިބިފައިވާއިރު ނަބީހުއަކީ އޯޓިޒަމް ހުރުމުގެ ސަބަބުން އަމިއްލަ މީހުން ހިންގާ ގުރުއާން ކުލާސްތަކުން ފުރުސަތު ނުލިބުނު ކުއްޖެކެވެ. ގިނަ ގޮންޖެހުންތަކަކަށްފަހު ނަބީހަށް ގުރުއާން ހިތުދަސްކުރުމުގެ ފުރުސަތު ލިބުނީ ހެޔޮއެދޭ ފަރާތެއްގެ އެހީގައި އެގެއަށް ގުރުއާން ޓީޗަރަކު ގެންގޮސްގެން ކުރި މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ