ވިލިމާލޭ ދަނޑު ނުދިއްލެނީ ކަރަންޓު ކޭބަލްތައް ބުރިވެފައިވާތީ: މިނިސްޓްރީ

ވިލިމާލޭ ބޯޅަދަނޑު ނުދިއްލެނީ އެ ތަނުގެ ކަރަންޓު ކޭބަލްތަކަށް މައްސަލަތަކެއް ދިމާވެގެން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދަނޑު ނުދިއްލާތީ ވިލިމާލޭގެ ޒުވާނުންތަކެއް މުޒާހަރާކުރުމުގެ ގޮތުން މަގު ބަންދުކޮށްގެން ރޭ ފުޓްބޯޅަ ކުޅުނެވެ.
ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ދަނޑު ނުދިއްލޭ މައްސަލަ ހައްލުކުރުމަށް ސާވޭކޮށްގެން ބަލާފައިވާ ކަމަށާއި ލައިޓްތަކާ ގުޅާފައިވާ ގްރައުންޑް ކޭބަލްތައް ހުރީ ބުރިވެފައި ކަމަށެވެ.
"މިހާރު މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއާ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިން މި މަސައްކަތް ނިމޭނެ،" މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
ރޭ މުޒާހަރާ އަށް ނުކުތް މީހުން ބުނީ ދަނޑުތައް ދިއްލަންދެން ކޮންމެ ރެއަކު މަގުމަތީގައި ކުޅޭނެ ކަމަށެވެ.
ވިލިމާލެ އަށް ނިސްބަތްވާ އަމިއްލަ ޖަމްއިއްޔާ ވިޔަންސާ އިން ބުނިގޮތުގައި އެ ޖަމްއިއްޔާ އިން ކުރިން ކުރަމުން އައި ދަނޑު ބެލެހެއްޓުމުގެ މަސައްކަތަކީ މިހާރު ޔޫތު މިނިސްޓްރީގެ ޒިންމާއެކެވެ.
"ސަރުކާރު ބަދަލުވުމުގެ ކުރިން ދަނޑުތައް ދިއްލާހެދީ އަޅުގަނޑުމެން. އޭރު އެއްވެސް މައްސަލައެއް ނުޖެހޭނެ. ނަމަވެސް މިހާރު އެއީ އަޅުގަނޑުމެން ކުރިއަށް ގެންދާ ކަމެއް ނޫން" ވިޔަންސާގެ ޗެއާމަން ވިޝާމް މުހައްމަދު ވިދާޅުވި އެވެ.
ވިޝާމް ވިދާޅުވީ ދަނޑުތައް ނުދިއްލާތާ މިހާރު އަށް މަސް ދުވަސް ވެފައިވާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ޖަމިއްޔާ އިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެކަމަކު އެއީ އަޅުގަނޑުމެން ޒިންމާވާން ޖެހޭނެ ކަމެއް ނޫން. ވިލިމާލެ އަށް ނިސްބަތްވާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެހީވެދެނީ،" އޮފިސަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ