އުމަރަށް އިޚުލާސްތެރިކަމާއެކު މަރުހަބާ ކިޔަން: ގާސިމް

ދާދި ފަހުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅިވަޑައިގަތުން ބަލައިގަންނަނީ އުފަލާ އެކުގައި ކަމަށާއި އަމިއްލަ ނަމުގައާއި އަދި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.
ޖޭޕީގެ އިސްފަރާތްތަކަށް ގާސިމް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖޭޕީއަކީ ހުރިހާ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ޕާޓީއާއި ގުޅުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އުމަރު ނަސީރަށް ނަފްރަތުގެ ބަހެއް ނުބުނުމަށާއި އޭނާއަށް ތާއީދުކުރުމަށް ގާސިމް ވަނީ ޖޭޕީގެ ލީޑަރުންގެ ކިބައިން އެދިފައެވެ. އުމަރު ޕާޓީއާ ގުޅުމާއެކު ޕާޓީގެ ބައެއް އާންމު މެމްބަރުންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވި ނަމަވެސް ޕާޓީގެ ދެ ނައިބު ލީޑަރު ކަމަށްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި އިބްރާހިމް އަމީން ވަނީ އުމަރަށް މަރުހަބާ ކިޔާފައެވެ.
ނަމަވެސް އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މުސްތަފާ ވަނީ ޖޭޕީއާއި އުމަރު ގުޅުނަސް އިއްތިހާދުން ޖާގައެއް ނެތް ކަމަށް ބުނެފައެވެ. ފާޅުގައި މުސްތަފާ އުމަރަށް ފާޑުވިދާޅުވަމުން އަންނައިރު މުސްތަފާގެ އިތުރުން އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅަކު އުމަރުގެ ކުއްލި ގުޅުމާމެދު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ