ރައީސް މައުމޫން ވެސް ސިފައިންގެ ބާރުގެ ބޭނުންކުރެއްވި: ސިއްދީގު

ވެރިކަމުގެ ދިގު ތާރީޚެއް އޮތް ބޭފުޅަކު ސިފައިންގެ ބޭނުންހިފައިގެން ހުންނަވާ އެހެން ބޭފުޅުން ސިފައިންގެ ބޭނުން ހިފަނީ ކީއްވެތޯ ސުވާލު ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.ސިއްދީގު މިހެން ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ސަރުކާރު ބަލިވުމުން ސިފައިންނާ ކޯޓުތަކުގެ ބޭނުން ހިފަމުންދާ ކަމަށް ތުހުމަތުކުރައްވާ ކުރީގެ ރައިސް މައުމޫން ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން ސިއްދީގު ވިދާޅުވީ ރައީސް މައުމޫނަކީ ތިރީސް އަހަރު ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސިފައިންގެ ބޭނުން ހިފާފައިވާކަމަށެވެ. އެގޮތުން 2003 ގެ އޮގަސްޓް 12-13 ގައި ރައީސް މައުމޫން ސިފައިންގެ ބޭނުން ހިފިކަން ސިއްދީގު ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން ވެސް މައުމޫންގެ ވެރިކަމުގައި ސަލާމަތީ ބާރުތަކުގެ ބޭނުން ހިފާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.  ސިއްދީގު ވިދާޅުވީ ގައުމާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވުމުން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ކަމުގައި ވިޔަސް ސިފައިންގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. ނަމަވެސް ސިއްދީގު ވިދާޅުވީ އަމިއްލަ މަސްލަހަތު އިސްކޮށް ސިފައިންގެ ބޭނުން ހިފަން ގާނޫނު ތަންނުދޭކަމަށެވެ. އެގޮތުން މާޒީގައި ހިނގާފައިވާ ކަންކަމަށް އިޝާރާތްކުރައްވާ ސިއްދީގު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސަލާމަތީ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަމަށެވެ. އެގޮތުން ޣައިރު ގާނޫނީ އޯޑަރުތައްނެރުއްވާ، ސަލާމަތީ ބާރުތައް މެދުވެރިކޮށް، އިންސާނަކު ވަގަށް ނަގައި ފޮރުވައިގެން ގެންގުޅުނު ކަމަށް ސިއްދީގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ